ހުޅުމާލޭގައި ސްކޫލެއް ތަރައްގީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީ އިން އަލް މަދީނާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިއްޔެ މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުނ ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި އަލް މަދީނާ އިންވެސްޓްމެންޓް ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަލީ އަހްސަންއެވެ.
އެޗްޑީސީން ވިދާޅުވިގޮތުގައި މި އެއްބަސްވުމުގެ ދަށުން ސްކޫލުގެ އިތުރުން ހުޅުމާލެ ރެޑްވޭވް ސިޓީ ސްކޮއަރ ކައިރީގައި ހުންނަ ވަގުތީ މިސްކިތް ވެސް ތަރައްގީކުރެވިގެންދާނެއެވެ. އަދި އެ މިސްކިތް ތަރައްގީ ކުރެވިގެންދާނީ، ސްކޫލާއި މިސްކިތް ގުޅިގެންދާ ގޮތަށް ކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވިއެވެ.
އެ ކޯޕަރޭޝަނުން އިތުރަށް ވިދާޅުވެފައިވަނީ މި ސްކޫލްގައި 2.5 އަހަރުގެ ތެރޭގައި ޕްރީސްކޫލްގެ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށާ އެއަށްފަހު ގްރޭޑް 1-10 ގެ ދަރިވަރުންނަށް ކިޔަވައިދެވޭ ފެންވަރަށާއި، މަތީ ތައުލީމު އުނގަންނައިދެވޭ ފެންވަރަށް އެ ސްކޫލް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.
އަދި އެ މި ސްކޫލުއިން ފުދުންތެރިކަން ދަށް ކުދިންނަށާއި ހާއްސަ އެހީ އަށް ބޭނުންވާ ދަރިވަރުންނަށް ހިލޭ ކިޔެވޭނެ ގޮތް ހަމަޖެހިގެން ދާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން މި ސްކޫލުގެ މައިގަނޑު ބޭނުމަކީ ދަރިވަރުންނަށް ފުރިހަމަ އިސްލާމީ ތައުލީމު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުން ކަމަށްވެސް އެޗްޑީސީން ވިދާޅުވެފައިވެއެވެ.