ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ރާއްޖެއިން ބޭރުގެ 30 ފަރާތަކަށް ދައުވަތު ފޮނުވަންފަށާފައި ވާކަމަށް އިކޮމިޝަން (އީސީ)ގެ ނައިބުރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

އެމަނިކުފަނު މިހެން ވިދާޅުވީ ދަރުބާރުގޭގެ ހިރިޔާ މާލަމުގައި މަޖިލިސް އިންތިހާބުގެ ގައުމީ ލަފާދޭ ކޮމިޓީގެ ދެވަނަ ބައްދަލުވުމުގައެވެ.

ހަބީބު އިތުރަށް ވިދާޅުވީ ކުރިއަށް އޮތް މަޖިލިސް އިންތިހާބު އޮބްޒާވް ކުރުމަށް ރާއްޖޭގެ އިތުރުން ބޭރުގެ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލައިފައި ވާ ކަމަށެވެ. އެހެންކަމުން މިމަހުގެ 27 ގެ ނިޔަލަށް އެ ފުރުސަތު ބޭރުގެ އިބްޒާވަރުންނަށް ހުޅުވާލައިފައި ވާކަމަށާއި އަދި އީސީ އިން ހާއްސަ ދައުވަތެއް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އަދި ބޭރުގެ އޮބްޒާވަރުންގެ ތެރެއިން 10 ބޭފުޅުންނަކީ ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކުން ހޮވާލެވޭނެ ބޭފުޅުން ކަމަށާއި މި އިންތިހާބު އޮބްޒާވްކުރުމަށް ބޭނުންވާ ހުރިހާފަރާތް ތަކަށް އެފުރުސަތު އޮތް ކަމަށްވެސް ހަބީބް ވިދާޅުވިއެވެ. އަދި އެކަމަށް ޝަރުތު ފުރިހަމަވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށްފަހު ރާއްޖެ ވަޑައިގެން އޮބްޒާވްކުރުމުގެ ފުރުސަތު ހުވާލާފައިވާކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

މީގެއިތރުން އެ ކޮމިޝަނުން ނިންމާފައި ވަނީ ދިހަ ގައުމަކުން ވިހި ބޭފުޅުންނަށް ހާއްސަ ދައުވަތު އަރުވަން ކަމަށާއި އަދި ބައިނަލް އަގުވާމީ 5 ޖަމާއަތަކުން ދިހަ ބޭފުޅުން ހިމެނޭހެން ތީރީސް ބޭފުޅުންނަށް އެ ދައުވަތު ފޮނުވުމުގެ އިތުރުން އެ 10 ބޭފުޅުން ހޮވުމަށްޓަކައި އީސީން އާންމުކޮށް އިއުލާންކޮށްގެން އެކަމަށް އެދިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ކޮމިޝަނުން ބަލައި ދިހަ ބޭފުޅުން ހޮވާނެ ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.

އެކޮމިޝަނުގެ ހާއްސަ ދައުވަތު ލިބޭ ގައުމުރަކުގެ ތެރޭގައި ޖަޕާން، އޮސްޓްރޭލިއާ، ފިލިޕިންސް، ސައުތު ކޮރެއާ، ކެމްބޯޑިއާ އަދި އިންޑިއާ ވެސް ހިމެނެއެވެ.

މާރޗް 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ވޯޓްލާ ގަޑި އީސީން ކަނޑައަޅާފައިވަނީ ހެނދުނު 9:00 އަކުން ހަވީރު 17:00 އާއި ހަމައަށެވެ.