ރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމާއި ހޯދުމާއި ގުޅޭގޮތުން ފްރާންސުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރާއި ސަރުކާރުން މަޝްވަރާ ކުރަށްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ކުރިއަށް ގެންދިޔަ މި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ފޮރިން މިނިސްޓަރ މޫސާ ޒަމީރެވެ.

މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިން މިނިސްޓްރީން ތަފުސީލު ހާމަ ކުރައްވަމުން ވިދާޅުވެފައިވަނީ ވިޔަފާރީގެ ދާއިރާއިން ކުރި މަޝްވަރާތަކުގައި ރާއްޖޭގެ މަސް ޔޫރަޕަށް އެތެރެކުރުމުގައި ނަގާ ޑިއުޓީ ކުޑަކުރުމާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ދިވެހިންނަށް ފަސޭހައިން ޔޫރަޕަށް ދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާ މަޝްވަރާ ކުރައްވާފައިވާ ކަމަށާއި އަދި އިގްތިސާދީ ތަރައްގީ، މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ދާއިރާއިން ވެސް މަޝްވަރާ ކުރެއްވިކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުންފަދަ މުހިއްމު ކަންކަމާއި ގުޅޭގޮތުންވެސް ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.