މޫސުން ގޯސްވުމުގެ ސަބަބުން ބަންގްލަދޭޝްގެ އެތައް މިލިއަން ބަޔަކަށް (ތަޣައްޔަރުވެފައިވާ ވަޅު ފެނުން) ކެންސަރު ޖެހުމުގެ ނުރައްކާ ބޮޑުވާނެ ކަމަށް ދިރާސާތަކުން ދައްކައިފި އެވެ.

ކަނޑުގެ ލޮނުގަނޑު އުފުލުމާއި، އަންދާޒާ ނުކުރެވޭ ވަރުގެ ފެންބޮޑުވުމާއި މޫސުން ހޫނުވުމުގެ ސަބަބުން އެގައުމުގެ ބޯފެނަށް ނުރައްކާތެރި މިންވަރަކަށް "އާސެނިކް" ވިހަވުމުގެ ހާލަތު ގޮސްދާނެ ކަމަށް ސައިންސްވެރިން ވަނީ ބުނެފައެވެ.

ސައިންސްވެރިން ބުނާ ގޮތުގައި ނަތީޖާއަކަށް ވާނީ އާސެނިކް ވިހަވުމުގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ހަމާއި ގުރުދާ އަދި ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ ސިއްހީ ކާރިސާއެއް އެގައުމުގައި ދިމާވުން ކަމަށެވެ.

"ބޯފެނުން ކްރޮނިކް އާސެނިކް ވިހަވުން ... މިއީ ހަގީގީ މައްސަލައެއް، ތިއޮރިޓިކަލް އެކްސަސައިޒެއް ނޫން" ނޯވިޗް ޔުނިވާސިޓީގެ އެމެރިޓަސް ޕްރޮފެސަރ އޮފް ކެމިސްޓްރީ ޑރ ސެތު ފްރިސްބީ ދާދި ފަހުން ހޯދި ހޯދުންތަކުގެ ޕްރެޒެންޓޭޝަނެއްގައި ވިދާޅުވި އެވެ.

އާސެނިކް ފެން ތަޣައްޔަރުވުމުގެ މައްސަލަ އުފެދުނީ 1970 ގެ އަހަރުތަކުގައި ބަންގްލަދޭޝްގައި ތަޣައްޔަރުވެފައިވާ ސަރފޭސް ފެނުގެ ސަބަބުން ތުއްތު ކުދިން މަރުވާ މިންވަރު އެންމެ މައްޗަށް ދިޔަ ދުވަސްވަރުގައެވެ.