ރައިސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓަށް ރުހުންނުދީ ހިފަހައްޓައިގެން ސަރުކާރު ހުއްޓުވާނުލެވޭކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުالله (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމަށް ހެޔޮއެދިވަޑައިގަންނަވާ ރައްޔިތުން ދެކެ ލޯބިވާ ބަޔަކު ނަމަ ރައްޔިތުން އިންތިހާބު ކުރައްވާ ރައީސްއަކު ފުރަތަމަ އެކުލަވާލައްވާ ކެބިނެޓަށް ރުހުން ދެއްވާނެ ކަމަށެވެ. އަދި ރައީސް ޑރ.މުއިއްޒު އެކުލަވާލެއްވި ކެބިނެޓަށް ރުހުން ނުދީ ހިފެހެއްޓޭ ކަމަށް ވަންޏާ އެކަން ކުރުމަށް ބޭނުންވާ މެމްބަރުންނާއި ބާރު އިދިކޮޅުގައި އެބައޮތް ކަމަށާއި އެކަމަކު އެކަމުން ސަރުކާރު ހުއްޓުވޭނެކަމަށް ހީފުޅުކުރައްވައިގެން ނުވާނެ ކަމަށެވެ.
މީގެއިތުރަށް އަބްދުއްރަހީމް ވިދާޅުވިީ ކެބިނެޓް އެކުލަވާލުމަކީ ގަނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކުރައްވާފައި އޮތް މަސްއޫލިއްޔަތަކަށް ވާއިރު ވަޒީރުންނަށް ރުހުން ނުދީ އިދިކޮޅުން ޑިމޮކްރަސީގެ ވާހަކަ ދައްކާނީ ކިނެއްތޯ ސުވާލު އުފައްދަވާ މިކަމުންވެސް އިނގެނީ އެބޭފުޅުންގެ ހަމައެއް އުސޫލެއް ނެތްކަމާއި ޑިމޮކްރަސީގެ ކަންފުޅެއްވެސް އެބޭފުޅުންގެ ނެތްކަމަށް ވިދާޅުވިއެވެ.
އަދި ފެހި ގާނޫނު އަސާސީގެ ދަށުން މީގެކުރިން އައި ކޮންމެ ސަރުކާރަކަށް ވެސް އޭރު އޮތް އިދިކޮޅުން ރުހުން ދިންކަމަށާއި މިކަން މިކުރަނީ ދިވެހި ރާއްޖޭގެ ތާރީހުގައި އަލަށް ކަމަށްވެސް ވިދާޅުވިއެވެ.
ހަމައެއާއެކު އިދިކޮޅު ރުއްސަން ކޮންމެހެން ނޫޅުއްވާ ކަމަށާއި ރުހުން ދިނުމަކީ އެއީ އެބޭފުޅުންނާ ޑީލް ކަޓް ކޮށްގެން ކުރަން ޖެހޭ ކަމެއް ކަމަށާއި ވަޒީރަކަށް ރުހުން ނުދީގެން ސަރުކާރު ހުއްޓުވާލެވޭނެ ކަމަށް ހީކުރެވޭނަމަ އެއީ ކުށްހީއެއް ކަމަށާއި އެކަމަކީ ވަރަށް ޒިންމާދާރު ކަން ކުޑަ ގޮތެއް ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވަނީ އިދިކޮޅަށް ފާޑުވިދާޅުވެފައެވެ.