ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރެއްވި ކުރީގެ ބައެއް މެމްބަރުންނާއި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅުން ހިމެނޭގޮތަށް ގިނަ ބަޔަކު ކަށަވަރުކޮށްފިއެެވެ.

އަންނަ މާޗުމަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރާ 93 ދާއިރާގެ ތެރެއިން ޕީޕީއެމް ޕީއެންސީގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި 13 މީހަކަށް ލިބިފައިވެއެެވެ. އެ ފަރާތްތަކަށް ޓިކެޓް ކަށަވަރުވީ އިތުރު ބަޔަކު އެ ދާއިރާތަކަށް ވާދަނުކުރުމުންމެވެ. މީގެއިތުރުން 3 ދާއިރާއަކަށް އެ ކޯލިޝަނުން ވާދަނުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެހެންކަމުން އިއްޔެ ޕީޕީއެމް ޕީއެންސީން ޕްރައިމަރީ ބާއްވާފައި ވަނީ 73 ދާއިރާއަކަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށެވެ.

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީގައި 283 މީހަކު ވާދަކުރިއިރު، އޭގެ ތެރޭގައި 32 އަންހެނުން ހިމެނެއެވެ. އަދި މި ޕްރައިމަރީގައި ވޯޓުލުމަށް ރާއްޖޭގެ އެކި ރަށްތައް ހިމެނޭހެން 227 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

އިއްޔެ ބޭއްވި ޕްރައިމަރީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަން ކުރިން ކުރެއްވި ބައެއް މެމްބަރުންނަށް ޓިކެޓު ނުލިބި، ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެވެ.

ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ

  • ރައްޔިތުންގެ މަޖިލިހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ)
  • މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމާއި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބުދުﷲ (މުހައްމާ)
  • ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އައްސަދެވެ.

މި ބޭފުޅުންނަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި ވެސް މެމްބަރުކަން ކުރެއްވި ބޭފުޅުންނެވެ.

މި ހަތަރު ބޭފުޅުންގެ ތެރެއިން ވައްޑެ ޕްރައިމަރީގައި ވާދަކުރެއްވީ އޭނާ ކުރިން ވެސް ތަމްސީލް ކުރެއްވި ތުލުސްދޫ ދާއިރާއަށެވެ. އެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ލިބިވަޑައިގަތީ މިހާރު ވެސް ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އިބްރާހިމް ނަސީމަަށެވެ.

އަނާރާ، މަކުނުދޫ ދާއިރާގެ ގޮނޑި ކުރިން ފުރުއްވި ނަމަވެސް މިފަހަރު އޭނާ ވާދަކުރެއްވީ ހުރާ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ހޯދުމަށެވެ. އެ ޓިކެޓު ހޯއްދެވީ އަބްދުﷲ ވާރިޝްއެވެ.

މުހައްމާ އާއި އައްސަދު ވެސް ވާދަކުރެއްވީ އެބޭފުޅުން ކުރިން ތަމްސީލް ކުރެއްވި ދާއިރާއަށެވެ. އެކަމަކު، އިހަވަންދޫ ދާއިރާގެ ޓިކެޓު ލިބުނީ އަހްމަދު ނަސީރަށެވެ. ދާންދޫ ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޓިކެޓު ލިބުނީ މުހައްމަދު ފަޒީލަށެވެ.