ޖަރުމަނު ވިލާތުން އދ ގެ ފަލަސްތީނާ ބެހޭ އިދާރާ، ޔުނައިޓެޑް ނޭޝަންސް ފޮރ ޕަލަސްތީނިއަން ރެފިއުޖީސް {ޔޫއެންއާރުޑަބްލިއުއޭ) ފަންޑު ކުރުން ހުއްޓާލައިފިއެވެ.

ފޮރިން މިނިސްޓްރީ އާއި އިކޮނޮމީ މިނިސްޓްރީ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޖަރުމަނުން އދ ގެ ފަލަސްތީނާބެހޭ އިދާރާއަށް ފަންޑުކުރުން ހުއްޓާލީ އެ އިދާރާގެ ބައެއް މުވައްޒަފުން ހަމާސް އާއި ގުޅިގެން މަސަައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށެވެ. އަދި މިވަގުތު މި މައްސަލައިގެ ހަގީގަތް ހޯދުމަށްޓަކައި ކުރަމުންދާ ތަހުގީގުތައް ނިމުމުން އަލުން ފަންޑުކުރަން ފަށާނެ ކަމަށް ވެސް ޖަރުމަނުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދެއެވެ.

މިމައްސަލައިގައި އިޓަލީއިން ވެސް ވަނީ އެގައުމުގެ ސަރުކާރުން ޔޫއެންއާރުޑަބްލިއުއޭއަށް ކުރަމުން ދިޔަ ފަންޑު ހުއްޓާލައިފައެވެ. އަދި އިޓަލީގެ ފޮރިން މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިިޓަލީއާއި އެކު އެހެން ގައުމުތަކުންވެސް މި ފިޔަވަޅު އަޅާނެ ކަމަށެވެ.