ނިއުޕޯޓް ކައުންޓީއާ ދެކޮޅަށް ކުޅުނު މެޗު 4-2 އަކުން ކާމިޔާބުކޮށް އެފްއޭ ކަޕުގެ ފަސްވަނަ ރައުންޑްގެ ޖާގަ މެންޗެސްޓާ ޔުނައިޓެޑުން ކަށަަވަރުކޮށްފިއެވެ.
ނިއުޕޯޓްގެ ރޮޑްނީ ޕެރޭޑް ސްޓޭޑިއަމްގައި ކުޅުނު މެޗު ޔުނައިޓެޑުން ފެއްޓީ ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ 7 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން ބްރޫނޯ ފާނަންޑޭޒެވެ. އޭގެ 6 މިނެޓު ފަހުން ޔުނައިޓެޑުގެ ޒުވާން މިޑްފީލްޑާ ކޮބީ މައިނޫ ކާމިޔާބުކޮށްދިން ލަނޑާއެކު ޔުނައިޓެޑުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑަކީ ކޮބީ މައިނޫ ޔުނައިޓެޑަށް ކާމިޔާބުކޮށްދިން އޭނާގެ ފުރަތަމަ ލަނޑެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ނިއުޕޯޓްއިން ވަނީ ލަނޑެއް ޖަހައި ދެޓީމުގެ ފަރަގު ކުޑަކޮށްފައެވެ. މެޗުގެ ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައި ނިއޮޕޯޓްގެ ވިލް އެވަންސް ކާމިޔާބުކޮށްދިން ލަނޑާއެކު ޔުނައިޓެޑަށް ވަނީ ދެ ގޯލުގެ ލީޑެއް ގެއްލިފައެވެ. މިއީ މިސީޒަނުގައި ދެ ގޯލުގެ ލީޑެއް ޔުނައިޓެޑުގެ އަތުން ބީވި ތިންވަނަ ފަހަރެވެ.
މެޗުގައި ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ތަރި އެންޓޮނީއެވެ. މެޗުގައި ޔުނައިޓެޑުގެ ފަހު ގޯލު ޖަހައިދިނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ރަސްމުސް ހޮޖްލަންޑެވެ.
މެންޗެސްޓާ ޔުނައިޓެޑަށް މިލިބުނު މޮޅާއެކު ދެން ނިކުންނާނީ ޕްރިމިއާ ލީގުގައި ވޫލްވްސްއާ ދެކޮޅަށެވެ. އިންގްލިޝް ފުޓްބޯޅައިގެ ހަތަރު ވަނަ ޑިވިޝަންގައި ކުޅޭ ނިއުޕޯޓު ކައުންޓީ ދެން ކުޅޭނީ ސްވިންޑޮން ޓައުންއާ ދެކޮޅަށެވެ.