އެފްއޭ ކަޕުގައި ނޯވިޗްއާ ބައްދަލުކުރި މެޗު 5-2 ގެ ތަފާތު ބޮޑު ނަތީޖާއިން މޮޅުވެ ފަސްވަނަ ރައުންޑުން ލިވަޕޫލް ޖާގަ ކަށަވަރުކޮށްފިއެވެ.
ލިވަޕޫލްގެ އެންފިލްޑްގައި ކުޅުނު މެޗު ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެފައިވަނީ ލިވަޕޫލުންނެވެ. މެޗުގެ 16 ވަނަ މިނެޓުގައި ކާޓިސް ޖޯންސް ކާމިޔާބުކޮށްދިން ލަނޑާއެކު ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. ނަމަވެސް އޭގެ 6 މިނެޓު ފަހުން ލަނޑު ޖަހައި ނޯވިޗުން ވަނީ މެޗު އެއްވަރުކޮށްފައެވެ. މެޗުގައި ދެވަނަ ފަހަރަށް ލިވަޕޫލަށް ލީޑު ނަގައިދިނީ ޑާވިން ނޫނޭޒެވެ. ނޫނޭޒްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމުނީ ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ވެސް ލިވަޕޫލު ވަނީ ނޯވިޗުގެ ގޯލަށް ނުރައްކާ ކޮށް ލީޑު އިތުރަށް ފުޅާ ކުރުމަށް އެތައް ފުރުސަތެއް ފަހިކޮށްފައެވެ. އެ ގޮތުން މެޗުގެ 53 ވަނަ މިނެޓު އަދި 63 ވަނަ މިނެޓުގައި ކާމިޔާބު ކުރި ދެ ލަނޑާއެކު ލިވަޕޫލުން ވަނީ ތިން ގޯލަށް ލީޑު ފުޅާކޮށްފައެވެ. 68 ވަނަ މިނެޓުގައި ނޯވިޗުން ލަނޑެއް ކާމިޔާބުކޮށް ދެ ޓީމުގެ ފަރަގު ކުޑަކުރިއެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ލިވަޕޫލުގެ ރަޔަން ގްރެވެންބާހް ކާމިޔާބު ކުރި ލަނޑާއެކު ލިވަޕޫލުން މެޗު ނިންމާލީ ތިން ގޯލުގެ ލީޑަކާއެކުގައެވެ.
މި މެޗަށްފަހު ދެން ލިވަޕޫލު ނިކުންނާނީ ލީގުގައި ޗެލްސީއާ ދެކޮޅަށެވެ. މެޗު ނާކާމިޔާބުވި ނޯވިޗު ދެން ކުޅޭނީ ޗެމްޕިއަންޝިޕްގައި ކޮވެންޓްރީއާ ދެކޮޅަށެވެ.