ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރެއްވުމަށް ޓިކެޓް ކާމިޔާބުކުރެއްވި ކެނޑިޑޭޓުންނާ ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނާއެކު ރައީސް ޑރ މުއިއްޒު ބޭއްވެވި ބައްދަލުކުރެއްވުމުގައި ޕީޕީއެމް/ ޕީއެންސީގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ޕީއެންސީގެ މުސްތަޝާރު އަބްދުއްރަހީމް އަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ނަމަވެސް މި ބައްދަލުވުމާ ގުޅޭގޮތުން މާބޮޑު ތަފްސީލެއް ހާމައެއް ނުކުރެއެވެ.

މަޖިލިސް އިންތިހާބުގައި ސަރުކާރު ކޯލިޝަނަށް ސުޕަ މެޖޯރިޓީ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މަދުވެގެން 62 ގޮނޑި އެ ކޯލިޝަނުން ކާމިޔާނު ކުރާނެކަމަށްވެސް ރައީސް ޑރ މުއިއްޒު ވަނީ ޕްރައިމަރީ ވޯޓުލުން ކުރިއަށް ދިޔަ ދުވަހު ވިދާޅުވެފައެވެ. ހަމައެެހެންމެ، ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުފުޅުތައް ފުއްދެވުމުގައި މަސައްކަތް ކުރައްވަނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ އިތުބާރު ސަރުކާރަށް ދެމެހެއްޓޭނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުރިއަށް އޮތް މާރިޗުމަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރައްވާނެ ބޭފުޅުން ކަނޑައެޅުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ގައި ތިން ދާއިރާއެއް ފިޔަވައި ހުރިހާ ދާއިރާއަކަށް ޕީޕީއެމް ޕީއެންސީން ވާދަކުރުމަށް ވަނީ ނިންމާފައެވެ.

ހޮނިހިރު ދުވަހު ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް 75 މީހަކު ވަނީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓް ކާމިޔާބުކޮށްފައެވެ. އަދި 15 މީހަކު ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރު ކޮށްފައެވެ.