ވ. ފެލިދޫގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި 30 އަހަރަށްފަހު އެ ރަށުގައި ސްޓެލްކޯއިން ގާއިމުކުރި އައު ޒަމާނީ އިންޖީނުގެއިން ކަރަންޓު ދޭން ފަށައިފިއެވެ.

ފެލިދޫއަށް ވަޑައިގެން، ބުރާސްފަތި ދުވަހު އެރަށު ބައު އިންޖީނުގެ ނިއްވާލަދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.

ފެލިދޫ ބައު އިންޖީނުގޭގެ ޖަނަރޭޓަރުތަކަކީ އޭގެގަދަ އަޑާއި ދުމުގެ އުނދަގުލުގައި، ރަށުގެ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފަކަށް ދިގު 30 އަހަރުވަންދެން އުޅެން ޖެހުނެވެ. ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބައު އިންޖީނުގޭގެ ޚިދުމަތް ދޭން ފަށާފައިވަނީ 31 ޖަނަވަރީ 1994 ގައެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއިއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 - 12 ކިލޯވޮޓެވެ

ބައު އިންޖީނުގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމާއި ގުޅިގެން ރަށުގެ ކައުންސިލުންވެސް ވަނީ އެކަން ފާހަގަކޮށް،ފައެވެ.

ފެލިދޫ އައު އިންޖީނުގޭގެ ހިދުމަތް ފައްޓަވައިދެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔަރ ފައިޓިންއާއި، ސައުންޑް ޕްރޫފިންގ އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިންގ ހޯލެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިއްބައިދެވޭނެ ކަސްޓަމަރސާވިސް ބިލްޑިންގއަކާއި އެކު، އަޅާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ.

ފެލިދޫގައި ސްޓެލްކޯއިން ޤާއިމްކޮށްފައިވާ އިންޖީނުގެއަކީ ޒަމާނީ އަޑުމަޑު، ކަސްޓަމަރ ސާވިސް އިމާރާތަކާއެކު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކާއި އެކު އަޅާފައިވާ އިންޖީނުގެއެއް ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.