ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ބައިވެރި ވުމަށް މިހާތަނަށް ކުރިމަތިލި ދެބޭފުޅުންގެ ހުށައެޅުން ވެސް ބަލައިގަނެފި ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

އީސީގެ ވައިސް ޗެއާރމަން އެކސް ގައި ކުރެއްވި ޕޯސްޓެއްގައި މައުލޫމާތު ހިއްސާކުރަމުން ވިދާޅުވެފައިވަނީ މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާތާ 4 ދުވަސްވީއިރު، މިހާތަނަށް ކުރިމަތިލާން ހުށައަޅައިފައިވަނީ އެންމެ ދެބޭފުޅުން ކަމަށެވެ. އެއީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓުން ކަމަށް ވެސް ހަބީބް ވިދާޅުވިއެވެ.

މި ދެ ހުށަހެޅުންވެސް ބަލައިގަނެ، އެ ދެފަރާތަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޖަވާބު އަރުވާފައެވެ.

އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށެވެ. ހުކުރު ދުވަހު ހުށައެޅުންތައް ބަލައިގަންނާނީ މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައެވެ.