އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރެއް މިއަދު ފޭސް ދޭއްގައި ބާއްވައިފިއެވެ.

ހަވީރު 16:00 އިން 18:00 އަށް ކުރިޔަށް ގެންދިޔަ ކުޑަކުދިންގެ ހަވީރު ބާއްވާފައިވަނީ ފޭސް ދޭއްގައި އޮންނަ ހިޔާ ޕާކު ސަރަހައްދުގައެވެ.

މި އިވެންޓަކީ ފާއިތުވި ދެދުވަސް ތެރޭގައި އިލެކްޝަންސް ކޮމިޝަނުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދިޔަ މިފަދަ ދެވަނަ ހަވީރެވެ. އިއްޔެ އާޓިފިޝަލް ބީޗުގައި ވެސް ވަނީ ކުޑަކުދިންނަށް އަމާޒުކޮށް އިވެންޓެއް ކުރިޔަށް ގެންގޮސްފައެވެ.

އިލެކްޝަންސްއިން ހާމަ ކުރި ގޮތުގައި މިއިވެންޓްތަކަކީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވީހާ ވެސް ގިނަ އާއްމުންނަކަށް ފަހި ކޮށްދިނުމަށް ކުރިޔަށް ގެންދިޔަ އިވެންޓުތަކެކެވެ. ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އާއްމުން އަހުލުވެރި ކުރުމުގެ މަސައްކަތް ވެސް މިއިވެންޓުގައި ވަނީ ކުރިޔަށް ގެންގޮސްފައެވެ.

މިމަހުގެ 1 ވަނަ ދުވަހުން ފަށައިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މަޖިލީސް އިންތިހާބުގެ ވޯޓުލުން ކުރިޔަށް ދާނީ މާރިޗު މަހުގެ 17 އަށްވާ އާދީއްތަ ދުވަހުގައެވެ.