ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރީރަޖިސްޓަރީ ކުރަން މިހާތަނަށް 1257 މީހުން ހުށަހަޅާފައިވާއިރު އޭގެތެރެއިން 1060 މީހުން ރީރަޖިސްޓަރީ ކޮށްދެވިފައިވާ ކަމަށާއި 97 ހުށަހެޅުމެއް ބަލައިނުގަނެވޭ ކަމަށެވެ.

މީގެއިތުރުން 2019 ވަނައަހަރު ބޭއްވި ރައްޔިތުން ގެ މަޖިލީހުގެ އިންތިހާބުގައި ރީރަޖިސްޓަރީ ކޮށްފައިވަނީ 20848 މީހުން ކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އަދި ރީރަޖިސްޓަރީ ކުރަައްވަން ހުށަހެޅުއްވުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޔަގީން ކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަކަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 14 ގެ 14:00 އަށެވެ. އަދި އެ ފަރާތްތަކުގެ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:00 އިން ފެށިގެން މެންދުރު 02:00 ޖެހުމާ ހަމައަށާއި ހުކުރު ދުވަހު މެންދުރުފަހު 02:00 އިން ހަވީރު 04:00 ޖެހުމާ ހަމައަށްވެސް އެޕްލިކޭޝަން ބަލައިގަންނާނެ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ/