ރައީސް ޑރ. މުއިއްޒު އިއްޔެ އިއްވެވި ރިޔާސީ ބަޔާނަކީ މިހާތަނަށް ރައީސަކު އިއްވެވި އެންމެ ފުރިހަމަ ރިޔާސީ ބަޔާން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ރާއްޖޭގެ ރައީސަކު، ރައްޔިތުންގެ މަޖލިހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްޞީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ، މިއަދު ރައީސް މުއިއްޒު އިއްވެވި ރިޔާސީ ބަޔާން ކަމަށެވެ. އެކަމަށްޓަކާ ރައީސް މުއިއްޒަށް ތަހުނިޔާ އަރިސްކޮށް މާމިގިލި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ނުހަނު ޝުކުރު އަދާކުރާ ކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސްގެ ރިޔާސީ ބަޔާނުގައި ދިވެހި ގައުމުގެ އިއްޔެ އާއި މިއަދުގެ ހާލަތާއި އެކު، މާދަމާއަށް ކުރާ އުންމީދުތަކާއި، ހޯއްދަވާނޭ ހައްލުތައް ވިދާޅުވެދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައި ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

އަދި މި ގައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސްހިސާބާއި ދިރާސާ އާއި އެކު ގާނޫން އަސާސީގެ 84 ވަނަ މާއްދާގައި ބަޔާން ކުރާ ރިޔާސީ ބަޔާން ރައީސް އިއްވަވައިދެއްވި، މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި 19 ވަނަ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުން ތަކެއް ބޮއިކެޓް ކުރެއްވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރަ އަކަށް ނުވޭތޯ ކަމަށް ވިދާޅުވެ ގާސިމް ވަނީ ސުވާލުކުރައްވާފައެވެ.

ރައީސްގެ ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް އިން ވަނީ ބޮއިކޮޓްކޮށްފައެވެ