ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ނަމުގައި ފޭކު މެސެޖެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ފަރާތުން އިލްތިމާސްކޮށްފިއެވެ.

ބީއެމްއެލްއިން މިހެން އިލްތިމާސް ކުރެއްވީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ބީއެމްއެލްއިން ބުނީ ބީއެމްއެލްގެ ނަމުގައި ފޮނުވަމުންދާ އެސްއެމްއެސްގައި ބުނެފައިވަނީ ޓްރާންސެކްޝަނެއްގެ ސަބަބުން އެކައުންޓް ލިމިޓްވެފައިވާ ކަމަށެވެ. އަދި މި މެސެޖުގައި އެކައުންޓް ރި-އެކްޓިވޭޓްކުރުމަށް ލިންކަށް ފިއްތުމަށް ބުނެފައިވާނެކަމަށްވެސް ބޭންކުން ބުނެފައިވެއެވެ.

ބީއެމްއެލުން ތަކުރާރުކޮށް ގެންދަނީ މިފަދަ ކަމަކާ ގުޅޭގޮތުން އެއްވެސް މެސެޖެއް ބީއެމްއެލްއިން ނުފޮނުވާނެ ކަމަށާއި މިއީ ސްކޭމް ލިންކުތަކެއް ކަމުން މިފަދަ ލިންކް ތަކަށް ނުވަނުމަށް އިލްތިމާސްކުރައްވަމުންނެވެ.