އިނގިރޭސި ވިލާތުގެ ޖެސީ ލިންގާޑު ސައުތު ކޮރެއާގެ ކްލަބެއް ކަމުގައިވާ އެފްސީ ސިއޯލްއަށް ސޮއިކޮށްފިއެވެ.

އެފްސީ ސިއޯލުގެ އޮފިޝަލެއް ކޮރެއަން މީޑިއާއެއް ކަމަށްވާ ޗޮސުން އިލްބޯއަށް ހަބަރު ދިން ގޮތުގައި ލިންގާޑު މިހަފްތާގައި އެކްލަބާ ދެމެދު ހެދުނު ކޮންޓްރެކްޓްގައި ސޮއި ކުރާނެއެވެ. ރިޕޯޓުތަކުން އަންގާ ގޮތުގައި އެފްސީ ސިއޮލްގެ ޓީމާ ގުޅުމަށް މިހަފްތާގައި ލިންގާޑު ކޮރެއާއަށް ދަތުރުކުރާނެއެވެ.

އެފްސީ ސިއޯލްގެ އޮފިޝަލް ހަބަރުދިން ގޮތުގައި ލިންގާޑު އެކްލަބަށް ގުޅުމުން އޭނާއަށް އަހަރަކު އެއް މިލިއަން ޑޮލަރަށްވުރެ ބޮޑު މުސާރައެއް ލިބިގެންދާނެއެވެ. މިމުސާރައާއެކު ކޮރެއަން ލީގުގައި އެންމެ ބޮޑު މުސާރައެއް ލިބިގެންދާނެ ކުޅުންތެރިޔާއަށް ލިންގާޑު ވެގެންދާނެއެވެ.

ލިންގާޑު މި ވަގުތު ހުރީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. މިދިޔަ ސީޒަން ނިމުމާއެކު ނޮޓެންހަމް ފޮރެސްޓާއެކު އޭނާ ހެދި ކޮންޓްރެކްޓް ހަމަވި ފަހުން އޭނާ ހުރީ އެއްވެސް ކްލަބަކާ ނުގުޅިއެވެ.

ލިންގާޑު އެފްސީ ސިއޮލްއާ ގުޅިއްޖެނަމަ އޭނާ ވެގެންދާނީ ކޮރެއަން ލީގުގައި ކުޅޭ އިނގިރޭސި ވިލާތުގެ 7 ވަނަ ކުޅުންތެރިޔާއަށެވެ.