މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އިންތިޒާމްކޮށްގެން ދުބާއީގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގައި 130 ކުންފުންޏަކުން 290 މަންދޫބުން ބައިވެރިވި ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޝަރަފުވެރިކޮށްދެއްވި މި ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވާ ކަމަށެވެ. އަދި މި ފޯރަމްގައި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް ޑިރެކްޓަރ ޖެނެރަލް ވެސް ބައިވެރިވެވަޑައިގެން ވާހަކަ ދެއްކެވި ކަމަވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އިކޮނޮމިކް މިނިސްޓަރީން މި ބަޔާން ނެރެފައި މިވަނީ މި ފޯރަމްގައި ބައިވެރިވި ބޭރުގެ ފަރާތްތަކުގެ އަދަދު މަދުވެގެން ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ފާޑުކިޔަމުންދިޔަ ދަނޑިވަޅެއްފައެވެ.
އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވަނީ، މި ފޯރަމްގައި އެކިއެކި ވިޔަފާރިތަކާއި ދެމެދު ފަސޭހަ މާހައުލެއްގައި ވާހަކަދެއްކެވި ގުޅުން ބަދަހި ކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ބޭއްވި މި ފޯރަމްގައި ސަރުކާރުގެ މުހިންމު އިސްތިރާޖީ މަޝްރޫތަކަށް އަލި އަޅުއްވާލެވުނު ކަމަށެވެ.
ހަމަމިއާއެކު މި ފޯރަމްގައި 290 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވާކަމަށާއި އޭގެ ތެރޭގައި ޕޯޓު އަދި ލޮޖިސްޓިކްސް، އިއާދަކުރަނިވި ހަކަތަ، ރިއަލް އެސްޓޭޓް، ފަތުރުވެރިކަން އަދި ބިނާވެރިކަން ފަދަ އެކިއެކި ދާއިރާތަކުގައި ހަރަކާތްތެރިވާ 130 ކުންފުނި ހިމެނިފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ.
މި އިންވެސްޓްމަންޓް ފޯރަމް ނިމިގެން ދިޔައީ ބައިވެރިންނާއި ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ކުރިޔަށް ގެންދެވުނު އިންޓަރެކްޓިވް ސެޝަނަކަށްފަހު ކަމަށް އެމިނިސްޓަރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.
މި ފޯރަމްގައި އިންވެސްޓްމަންޓް ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ކުރިއަށް ދިޔުމަށް އޮތް ތަސައްވުރާއި ބައިނަލްއަގުވާމީ ބައިވެރިންނާއިއެކު އިންވެސްޓްމަންޓް ޕާޓްނާޝިޕްތައް ގާއިމު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވާހަކަދެއްކެވި އެވެ.