ރަޝިޔާއިން ކެންސަރު ބައްޔަށް ފަރުވާ ދެވޭނެ ވެކްސިންއެއް ތައާރަފު ކުރުމާއި ވަރަށް ގާތް ވެފައިވާ ކަމަށް އެގައުމުގެ ރައީސް ވްލެޑެމިއާރ ޕޫޓިން ވިދާޅުވެއްޖެއެވެ.

މޮސްކޯގައި ބޭއްވި ފިއުޗާރ ޓެކް ފޯރަމް އެއްގައި ވާހަކަފުޅު ދައްކަވަމުން ޕޫޓިން ވިދާޅުވީ އަވްސް މުސްތަގުބަލެއްގައި މި ވެކްސިންތަށް ފުރިހަމަ ވާނެ ކަމަށެވެ. އަދި ކުޑަކުދިންނަށް ދޭ ވެކްސިންއަކާއި ކެއްސަރު ބައްޔަށް ފަރުވާ ކުރަމުންދާ ބޭފުޅުންނަށް ވެސް ދެވޭ ކަހަލަ ދެ ބާވަތެއްގެ ވެކްސިން ތައާރަފު ކުރާނެ ކަމަށް ޕޫޓިން ވިދާޅުވިއެވެ. މިއީ ކޮން ބާވަތެއްގެ ކެންސަރަށް ފަރުުވާ ކުރާ ވެކްސިން އެއް ކަމެއް ޕޫޓިން ހާމަ ކޮށްފައެއް ނުވެއެވެ.

ގިނަ އަދަދެއްގެ ގައުމުތަކާއި ކުންފުނިތަކުން ދަނީ ކެންސަރަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިދިޔަ އަހަރު އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ޖަރުމަނުގެ ބަޔޯއެންޓެކްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް، 2030 ވަނަ އަހަރުގެ ނިޔަލަށް 10،000 ބަލިމީހުންނާ ހަމައަށް 'ޕާސަނަލައިޒްޑް ކެންސަރަށް ފަރުވާ' ފޯރުކޮށްދިނުމުގެ ކްލިނިކަލް ޓްރައިލްތައް ފަށާފަ އެވެ.