ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އޮބްޒާވަރުންނާއި، މޮނިޓަރުންނަށް ވުމުގެ ސުންގަޑި މިއަދު ހަމަވާނެ ކަމަށާއި, އިތުރު ފުރުސަތެއް ނުދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.

މި ކަމަށްޓަކައި ޖެނުއަރީ، 31ގައި ހުޅުވާލި ފުރުސަތުގެ މުއްދަތު ހަމަވާނީ މިއަދު މެންދުރުފަހު 3:00 ގަ އެވެ. އިންތިހާބު މޮނިޓަކުރުމަށާއި އޮބްޒާވް ކުރުމަށް ފުރުސަތު ހުޅުވާލިތާ މިއަދަށް ވިހިދުވަސް ވަނީ ވެފައެވެ.

އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވަނީ މީޑިއާތަކުން އަދި ޕާޓީތަކުން ސުންގަޑި ހަމަވުމުގެ ކުރީން އެޕްލިކޭޝަން ފޯމު ހުށަހެޅުއްވުމަށް އެދިވަޑައިގެންފައެވެ.

އަދި އިންތިހާބު މޮނިޓަކުރުމަށާއި އޮބްޒާވް ކުރުމަށް ބޭނުންވާ ފަރާތްތަކުން ރަސްޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިނުވާކަމަށް ހަބީބު ވިދާޅުވެފައިވެއެވެ

އިންތިހާބުތަކާ ބެހޭ އާންމު ގަވާއިދުގައިވާ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފަރުދީގޮތުން އިންތިހާބު އޮބްޒާވް ކުރެއްވުމަށް ހުށަހަޅުއްވާ ބޭފުޅަކު އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ވެގެން ނުވާނެއެވެ.