ބުންޑަސްލީގާގައި ބަޔާން މިއުނިކް އަދި ވީއެފްއެލް ބޮޗަމް ބައްދަލުކުރި މެޗު, ފަހަތުން އަރައި 3-2 އަކުން ބޮޗަމްއިން ކާމިޔާބު ކޮށްފިއެވެ.
ބޮޗަމްގެ ވޮނޯވިއާ ރޫރްސްޓޭޑިއޮންގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ބަޔާންއިންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަޔާންގެ ޒުވާން ތަރި ޖަމާލް މުސިއާލާއެވެ.
ބަޔާންއިން ރަނގަޅު ކުޅުމެއް ދައްކަމުން ދަނިކޮށް މެޗުގެ 27 ވަނަ މިނެޓުގައި ސަޕޯޓަރުން ދަނޑު މައްޗަށް ޓެނިސް ބޯޅަތަކެއް އުކުމާ ގުޅިގެން ރެފްރީ ވަނީ މެޗު ކުޑަ އިރުކޮޅަކަށް މަޑުޖައްސާލާފައެވެ. ސަޕޯޓަރުން މިގޮތަށް ކަންތަައް ކުރީ, ބުންޑަސްލީގާގެ މެނޭޖްމަންޓްއިން އެލީގުން ބައެއް ޕްރައިވެޓު އެކުއިޓީ ފާމް އަކަށް ވިއްކާލުމަށް ކުރިއަށް ގެންދާ މަޝްވަރާތަކާއި ދެކޮޅަށް އިހުތިޖާޖު ކުރުމުގެ ގޮތުންނެވެ. މެޗުގެ ކުޅުން ފެށޭ ވަރުވެފައިވަނީ ކުޅުން ހުއްޓާލިތާ 5 ވަރަކަށް މިނެޓު ފަހުންނެވެ.
މެޗު ހުއްޓާލަން ޖެހުމުން އެކަމުގެ ފައިދާ އެންމެ ރަނގަޅަށް ނެގީ ބޮޗަމްއިންނެވެ. އެޓީމު ވަނީ މެޗުގެ 38 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓަކޫމާ އަސާނޯއެވެ. ބޮޗަމްއިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ 44 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބޮޗަމްގެ ޑިފެންޑާރ ކެވެން ޝްލޮޓާބެކްއެވެ. ޝްލޮޓާބެކްގެ ގޯލާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 2-1 އަކުން ބޮޗަމް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ބޮޗަމްއިން ވަނީ ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ދެގޯލަށް އިތުރުކޮށްފައެވެ. މިޕެނަލްޓީއަކީ ބަޔާންގެ ޑިފެންޑާ ޑަޔޮޓް އުޕަމެކާނޯ ކުރި ފައުލަކުން ލިބުނު ޕެނަލްޓީއެކެވެ. މިފައުލާ އެކު އުޕަމެކާނޯއަށް ވަނީ ދެވަނަ ރީނދޫ ހަމަވެގެން ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.
10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ބަޔާންއަށް ބޮޗަމްގެ ލީޑު ކުޑަ ކުރެވުނީ މެޗުގެ 87 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލީގުގެ ޓޮޕްސްކޯރާރ ކަމުގައިވާ ހެރީ ކޭންއެވެ. ބޮޗަމްގެ ލީޑު ކުޑަކުރެވުނު ކަމުގައިވި ނަމަވެސް އިތުރު ލަނޑެއް ނުޖެހުމުން ބަޔާންއަށް ވަނީ ހުސްއަތާ މެޗު ނިންމާލަން ޖެހިފައެވެ.
މެޗުން ބަލިވުމާއެކު ބަޔާންއަށް ވަނީ އެއްވަނައިގައި އޮތް ލެވާކޫސެންއާ އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ގެއްލިފައެވެ. ބަޔާން ތާވަލުގެ ދެވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 50 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ލެވާކޫސަން ވަނީ ކުޅުނު 22 މެޗުން 58 ޕޮއިންޓް ހޯދާފައެވެ. މެޗު ކާމިޔާބު ކުރި ބޮޗަމް އޮތީ ކުޅުނު 22 މެޗުން ލިބުނު 25 ޕޮއިންޓާއެކު ތާވަލުގެ 11 ވަނައިގައެވެ.