އިޓަލީއިން ޔޫކްރެއިނާއެކު ސެކިއުރެޓީ އެގްރިމެންޓެއްގައި ސޮއި ކުރަން ނިންމައިފި ކަމަށް އިޓަލީގެ ފޮރިން މިނިސްޓަރު އަދި ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އެންޓޯނިއޯ ޓަޖާނީ ވިދާޅުވެއްޖެއެވެ.

މި އެގްރިމެންޓަކީ ދެގައުމުންކުރެ ގައުމަކަށް އަސްކަރީ އެހީ ބޭނުންވާ ހާލަތެއްގައި އަނެއް ގައުމުން އެހީ ވުމަށް ސޮއއި ކުރާ އެގްރިމެންޓެކެވެ. ނަމަވެސް މި އެގްރިމެންޓުގައި އެއްވެސް ގައުމަކަށް އަނެއް ގައުމަށް އެހީވުމަށް މަޖުބޫރު ނުކުރާނެ ކަމަށް ޓަޖާނީ ވިދާޅުވިއެވެ. މީގެ އިތުރުން މި އެގްރިމެންޓުގައި އެއްވެސް މާލީއެހީއެއް ދިނުމަށް ވެސް އެއްވެސް ގައުމަކަށް މަޖުބޫރެއް ނުކުރާނެއެވެ.

"މި އެގްރިމެންޓުގައި ސޮއިކުރިޔަސް އެއްވެސް ސިޔާސީ ނުވަތަ އަސްކަރީ ކަމަކަށް ގެރެންޓީއެއް ނޯންނާނެ" ޓަޖާނީ ވިދާޅުވިއެވެ. މީގެއިރުން ޓަޖާނީ ވިދާޅުވީ މި އެގްރިމެންޓުގައި ސޮއި ކުރުމުަށް އެއްވެސް ގައުމަކުން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ހުއްދަ ހޯދާކަށް ނުޖެހޭނެ ކަމަށެވެ. އަދި މި އެގްރިމެންޓަކީ ސިޔާސީ ގުޅުން ދައްކުވައިދޭން ސޮއި ކުރާ އެއްޗެއް ކަމަށެވެ.