ބުންޑަސްލީގާގައި މެއިންޒް އަދި ބަޔާ ލެވަކޫސަން ވާދަކުރި މެޗު, 2-1 އަކުން ކާމިޔާބު ކޮށް ލީގުގެ އެއްވަނައިގައި ލެވަކޫސަންއިން ހަމަޖެހިލައިފިއެވެ.

މިމެޗަށް ލެވަކޫސަންއިން ނިކުތްއިރު އެޓީމު އެންމެ ފަހުން ކުޅުނު 32 މެޗުން ވެސް ބަލިވެފައެއް ނުވެއެވެ. މިމެޗުން ވެސް ބަލިނުވެ, ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗު ބަލިނުވެ ދިޔަ ކަމުގެ ރެކޯޑު ހެދުމުގެ ފުރުސަތު އެޓީމަށް އޮތެވެ. ކުރިން މިރެކޯޑު އޮތީ ވަރުގަދަ ބަޔާން އަތުގައެވެ.

ލެވަކޫސަންގެ ބޭއެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗު ދެޓީމުން ވެސް ފައްޓާފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ 3 ވަނަ މިނެޓުގައި ލެވަކޫސަންއިން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ, ކުރިން އާސެނަލްއަށް ކުޅުނު ކުޅުންތެރިޔެއް ކަމުގައިވާ, ގްރެނިޓް ޝާކާއެވެ. ލެވަކޫސަންއަށް އެޓީމުގެ ލީޑު ހިފެހެއްޓުނީ އެންމެ 4 މިނެޓަށެވެ. މެޗުގެ 7 ވަނަ މިނެޓުގައި މެއިންޒްގެ ޑިފެންޑަރު ޑޮމިނިކް ކޯ ކާމިޔާބު ކުރި ލަނޑާއެކު މެޗުގެ ނަތީޖާ ވަނީ ހަމަހަމަވެފައެވެ.

ލެވަކޫސަންއަށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގުނީ ދެވަނަ ހާފުގެ 68 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ރޮބާޓް އަންޑްރިޗްއެވެ. މިލަނޑަކީ މެއިންޒްގެ ގޯލްކީޕަރު ރޮބިން ޒެންޓްނާއަށް ހެދުނު ގޯހަކުން ވަން ލަނޑެކެވެ. އަންޑްރިޗްގެ ލަނޑާއެކު ލެވަކޫސަން ވަނީ މެޗު ކާމިޔާބުކޮށް, 33 މެޗުން ބަލިނުވެ ދިޔަ ފުރަތަމަ ޖަރުމަނު ޓީމަށްވެފައެވެ.

މިމެޗުން މޮޅުވުމާއެކު ލެވަކޫސަން ވަނީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެޓީމުން އެއްވަނައިގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 61 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތީ ލީގުގެ ތަށްޓާ ރައްޓެހި ބަޔާނެވެ. އެޓީމުން ދެވަނައިގައި އޮތީ ކުޅުނު 22 މެޗުން ލިބުނު 50 ޕޮއިންޓާއެކީގައެވެ. މެޗުން ބަލިވި މެއިންޒް އޮތީ ކުޅުނު 23 މެޗުން ލިބުނު 15 ޕޮއިންޓާއެކު 17 ވަނައިގައެވެ.