އެމްއެންޑީއެފް ކޯސްޓްގާޑާއި އިންޑިއާ ކޯސްޓްގާޑް އަދި ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން ހިންގާ "ޓްރައިލެޓެރަލް ޖޮއިންޓް އެކްސަސައިޒް ދޯސްތީ - 16" ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ ވަޒީރު، އޮނަރަބަލް މުހައްމަދު ގައްސާން މައުމޫނެވެ.
ފެބުރުވަރީ 22 އިން 25 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އެކްސަސައިޒަކީ ރާއްޖެއާއި އިންޑިއާ އަދި ސްރީލަންކާގެ ކޯސްޓްގާޑުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި ތިން ޤައުމުގެ ކޯސްޓްގާޑު ގުޅިގެން ހަރަކާތްތެރިވާނެ ގޮތްތައް ދެނެގަތުމުގެ މަގްސަދުގައި ބާއްވާ އެކްސަސައިޒެކެވެ.
އެމްއެންޑީއެފުން ބުނިގޮތުގައިތިން ގައުމު ގުޅިގެން ހިންގާ އެކްސަސައިޒް "ދޯސްތީ" ގައި، މެރިޓައިމް އިންޓަރޑިކްޝަން އޮޕަރޭޝަންސް، ކަނޑުމަތީގެ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކާއި، މެރިޓައިމް ސަރވޭލަންސް އަދި ކޮމިއުނިކޭޝަން ޑްރިލްތައް ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި މި ތަމްރީނުތަކުގެ ސަބަބުން ތިން ގައުމުގެ އަސްކަރީ ތަޖުރިބާތައް އިތުރުވެ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް އިޖާބަދިނުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލުކަން ވަރުގަދަވެގެންދާނެކަމަށާއި މި އެކްސަސައިޒްގެ އަމަލީ ފަރިތަކުރުންތައް ކުރިއަށްދަނީ މާލެއާއި މާލެ ކައިރި ކަނޑުގެ ސަރަހައްދުގައިކަމަށްވެސް އެފަރާތުން ބުނެފައިވެއެވެ.
ސިލްސިލާގޮތެއްގައި އެކްސަސައިޒް "ދޯސްތީ" ގެ ތަމްރީނުތައް ކުރިއަށް ގެންދާތާ 30 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެކްސަސައިޒް "ދޯސްތީ" އަކީ 1991 ވަނަ އަހަރުން ފެށިގެން ކޮންމެ ދެއަހަރުން އެއް އަހަރު އިންޑިއާ ކޯސްޓްގާޑާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ހިންގަން ފެށި އެކްސަސައިޒެކެވެ. މި އެކްސަސައިޒުގައި ސްރީލަންކާ ބައިވެރިވާން ފަށާފައިވަނީ 2012 ވަނަ އަހަރުން ފެށިގެންނެވެ. މި އެކްސަސައިޒްގެ އޮބްޒާވަރެއްގެ ގޮތުގައި މިއަހަރު ބަންގްލަދޭޝް ކޯސްޓްގާޑުންވެސް ބައިވެރިވާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި އެކްސަސައިޒް ފެށުމުގެ ރަސްމިއްޔާތުގައި، ދިވެހި ދައުލަތުގެ ބައެއް މިނިސްޓަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި، އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް އޮފް އިންޑިއަން ކޯސްޓްގާޑް، އެޑިޝަނަލް ޑައިރެކްޓަރ ޖެނެރަލް ޕަރަމޭޝްއާއި، ރާއްޖޭގައި ތިއްބެވި ބައެއް ބޭރު ގައުމުތަކުގެ ސަފީރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.