އެފްއޭ ކަޕުގައި ޗެލްސީ އަދި ލީޑްސް ޔުނައިޓެޑު ބައްދަލު ކުރި މެޗު 3-2 އަކުން ކާމިޔާބުކޮށް ޗެލްސީއިން މުބާރާތުގެ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ޗެލްސީގެ ސްޓޭމްފޯޑް ބްރިޖު ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ވަރަށް ވާދަވެރި ކުޅުމެކެވެ. ޗެލްސީ ސިއްސުވާލައި, މެޗުގެ 8 ވަނަ މިނެޓުގައި ލީޑްސްއިން ވަނީ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ޒުވާން ސްޓްރައިކަރު މެޓޭއޯ ޖޯސްފްއެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ކާމިޔާބު ކުރި ލަނޑާއެކު ޗެލްސީއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޗެލްސީއިން މެޗުގެ މަތީޖާ އަނބުރާލީ 37 ވަނަ މިނެޓުގައި މިކެއިލޯ މުޑްރިކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިލަނޑާއެކު ފުރަތަމަ ހާފި ނިމިގެންދިޔައީ 2-1 އަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ލީޑްސްއިން ވަނީ ޓީމުގެ ކުޅުމް ރަނގަޅުކޮށް, 59 ވަނަ މިނެޓުގައި ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ކޮނާރ ގެލެގާ ޗެލްސީއަށް ކާމިޔާބު ކޮށްދިން ލަނޑާއެކު ލީޑްސްއަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
ޗެލްސީއިން މުބާރާތުގެ ކުއާޓާގައި ނިކުންނާނީ އިނގިރޭސި ފުޓުބޯޅައިގެ ދެވަނަ ޑިވިޝަނުގައި އޮތް, ލެއިސެސްޓާ ސިޓީއާ ދެކޮޅަށެވެ. މިކުއާޓާ ކުޅެވިގެންދާނީ 16 މާރިޗަށްވާ ހޮނިހިރު ދުވަހުގައެވެ.