ވެލެންސިއާއި ރެއާލް މެޑްރިޑް ރޭ ބައްދަލު ކުރި މެޗުގައި ރެއާލްއަަށް މޮޅު ނުވެވުނީ ރެފްރީގެ ސަބަބުން ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗަލޯޓީ ބުނެފިއެވެ.

ރޭގައި ރެއާލް އަދި ވެލެންސިއާ ބައްދަލު ކުރި ވާދަވެރި މެޗު ނިމިފައިވަނީ 2-2 އަކުން ދެޓީމުން އެއްވަރުވެގެންނެވެ. މެޗު އެއްވަރުވީ, ފަހު ވަގުތު ތަކުގެ ތެރޭގައި ރެއާލުގެ ޖޫޑް ބެލިންގްހަމް ޖެހި ލަނޑެއް ރެފްރީ ގޯލެއް ނޫން ކަމަށް ނިންމުމުންނެވެ. ބެލިންގްހަމް ގޯލު ޖެހި ވަގުތުގެ ކުޑަ އިރުކޮޅެއް ކުރިން ރެފްރީ މެޗު ނިންމާލުމަށް ކަށިގަނޑު ގޮއްވާފައިވުމުން, ރެފްރީ ވަނީ އެގޯލު ބަލައިނުގަނެވޭނެ ކަމަށް ނިންމާފައެވެ. ރެއާލް ފަހު ވަގުތު ޖެހި ލަނޑު ބަލައި ނުގަތުމުން ރެއާލްގެ ކޯޗު ވަނީ އެނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"އަހަރެމެނަށް ތިން ޕޮއިންޓު ގެއްލުނީ ރެފްރީގެ އެނިންމުމުގެ ސަބަބުން. އަހަރެމެން އަތުގަ ބޯޅަ އޮއްވަ ރެފްރީ އެގޮތަށް މެޗު ނިންމާލައިގެން ނުވާނެ" ރެފްރީ އެގޯލު ސައްހަ ނޫންކަމަށް ނިންމި ނިންމުމާ މެދު ނުރުހުން ފާޅު ކުރަމުން އެންޗެލޯޓީ ބުންޏެވެ.

މިމެޗު ކާމިޔާބު ނުކުރެވުނު ކަމުގައިވިއަސް މިސީޒަނުގައި ރެއާލްއަށް ލީގުގެ ތަށި އުފުއްލާލެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެންޗެލޯޓީ ބުންޏެވެ.

ރެއާލުން މިވަގުތު އޮތީ ލަލީގާގެ އެއްވަނައިގައި 66 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ޖިރޯނާއަށް ލިބިފައިވަނީ 59 ޕޮއިންޓެވެ. ނަމަވެސް ޖިރޯނާ ރެއާލްއަށްވުރެ އެއް މެޗު މަދުން ކުޅެފައިވާތީ, ދެޓީމުންގެ މެދުގައި އޮތް ފަރަގު ކުޑަ ކުރުމުގެ ފުރުސަތު އެޓީމަށް އެބައޮތެވެ.