ކުރިއަށް އޮތް ރޯދަމަހު މުދާ ވިއްކާ ތަންތަނާއި ކެފޭ، ރެސްޓޯރެންޓްތަކުން ހިދުމަތް ދެވޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ދިވެހި ސަރުކާރުގެ ގެޒެޓްގައި އެމިނިސްޓްރީން ނެރުނު އިއުލާނުގައި ވިދާޅުވީ މި މަހުގެ އަށްވަނަ ދުވަހުން ފެށިގެން ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހާއި ހަމައަށް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00 އަށް ކަމަށެވެ. އަދި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ރޯދަމަހު ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން މެންދަމު ތިނަކަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެއިތުރުން ރޯދައަށް ފަހު ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން މެންދަމު 3:00 އަށްކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

އަދި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް އެ އުސޫލުން އަމަލު ކުރަން ޖެހޭނެ ކަމަށްވެސް އެ އިއުލާނުގައި ވިދާޅުވެފައިވެއެވެ.