އިސްރާއީލުގެ ދިފާއީ ބާރުތަކުން ޣައްޒާގައި ހިންގި ޢުދުވާނުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 82 މީހުން ޝަހީދުވެ 122 މީހުން ޒަޚަމްވެފައިވާ ކަމަށް އަލްޖަޒީރާ ޓީވީ ޗެނަލުން ރިޕޯޓްކުރެއެވެ.

އަލްޖަޒީރާއިން ބުނި ގޮތުގައި އިޒްރޭލުގެ ސިފައިން ދީރު އަލްބާލާ ސިޓީގެ ދެ ގެއަކަށް ހަމަލާދީފައިވާއިރު، އެތަނުގައި އާންމުންގެ ފަސް މީހަކު ވަނީ ޝަހީދުވެފައިވެއެވެ. މީގެއިތުރުން އަލް ޤަރާރާ ސިޓީގެ ގެއަކަށް ބޮން ގޮއްވާލުމުގެ ސަބަބުން ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައިވެއެވެ. އަލްޝާތީ ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ ވައިގެ ސިފައިން ދިން ހަމަލާއެއްގައި ފަލަސްތީނުގެ ދެ މީހަކު ޝަހީދުވެ އިތުރު ހަތް މީހަކު ޒަހަމްވެފައެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އިސްރާއީލު ސިފައިން ހިންގި އަސްކަރީ އޮޕަރޭޝަންގައި މަރުވި މީހުންގެ އަދަދު 30،960 އަށް އަރައިފި އެވެ. ޖުމްލަ 72،524 މީހުން ޒަޚަމްވެފައިވެއެވެ.