އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލްއާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗު 3-2 އިން ޗެލްސީ ކާމިޔާބު ކޮށްފިއެވެ.
ޗެލްސީގެ ދަނޑު ކަމުގައިވާ ސްޓޭމްފޯޑް ބްރިޖްގައި ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންގޮސްފައިވަނީ ވަރަށް ވަރުގަދަ ކުޅުމެކެވެ. އެގޮތުން ޗެލްސީ ވަނީ މެޗުގެ 6 ވަނަ މިނެޓުގައި ލަނޑު ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ނިކޮލާ ޖެކްސަންއެވެ.
ޖެކްސަންގެ ގޯލަށް ނިއުކާސަލްއަށް އަށް ރައްދެއް ދެވުނީ ފުރަތަމަ ހާފު ނިމެން ދެމިނެޓަށް ވެފައި ވަނިކޮށް އަލެކްސެންޑާ އައިސެކް ކާމިޔާބު ކުރި ލަނޑުންނެވެ. އައިސެކްގެ ލަނޑާއެކު ފުރަތަމަ ހާފު ނިމިގެންދިޔައީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެެ.
ދެވަނަ ހާފުގައި ޗެލްސީއިން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް, މެޗުގެ 57 ވަނަ މިނެޓުގައި ލަނޑު ޖަހާ, މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މިސީޒަނުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ކޯލް ޕާމާއެވެ. ޗެލްސީއިން އެޓީމުގެ ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 76 ވަނަ މިނެޓުގައި މިކާއިލޯ މުޑްރިކް ކާމިޔާބު ކޮށްދިން ލަނޑުންނެވެ.
މެޗުގެ ނުވަދިހަ މިނެޓުގައި ނިއުކާސަލްގެ ޖޭކޮބް މާފީ ވަނީ ލަނޑެއް ޖަހައި ޗެލްސީގެ ލީޑު އެއްގޯލަށް ކުޑަކޮށްފައެވެ. ނަމަވެސް ނިއުކާސަލްއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު އެޓީމަށް ވަނީ ޗެލްސީ އަތުން ބަލި ގަބޫލުކުރަން ޖެހިފައެވެ.
މިލިބުނު މޮޅާއެކު ޗެލްސީ އޮތީ ތާވަލުގެ އެގާރަވަނައިގައެވެ. އެޓީމުން އެގާރަވަނައިގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 39 ޕޮއިންޓާއެކުގައެވެ. މެޗުން ނާކާމިޔާބުވި ނިއުކާސަލް އޮތީ, ކުޅުނު 28 މެޗުން ލިބުނު 40 ޕޮއިންޓާއެކު ތާވަލުގެ ދިހަވަނައިގައެވެ. ނަމަވެސް ޗެލްސީއިން ކުޅެފައިވަނީ ނިއުކާސަލްއަށްވުރެ އެއްމެޗު މަދުން ކަމުން, ނިއުކާސަލް ފަހާލައި ދިހަވަނައަށް އެރުމުގެ ފުރުސަތު ޗެލްސީއަށް އެބައޮތެވެ.