(އިއްޔެގެ އަދަދާއި ގުޅޭ)

[މިއީ، އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ ލިއުއްވާފައިވާ ވާހަކައެކެވެ.]

ބަލްޤީސްގެ ތަޚްތުގެ ތިރީބައި ހަދާފައިވަނީ ރިހިންނެވެ. ރަނުން ގިރިޓީ ކޮށްގެންނެވެ. ތަޚްތުގެ އިށީންނަބައި ހަދާފައިވަނީ ރަނުންނެވެ. ރިހިން ގިރީޓީ ކޮށްގެންނެވެ. ތަޚްތުގެ ލެނގޭ ތަނުގައި އިރު ކުރަހާފައިވެއެވެ. މުޅި ތަޚްތު ހަދާފައިވަނީ ރަނާއި ރިހިންނެވެ. ސަބާއު ސިންގާ ސަނާގެ ހުރިހާ ފައިސާއެއް ކޮށާރު ކުރެވެނީ މި ތަޚްތުގައެވެ. އެހެންކަމުން މިތަޚްތު ހުރީ ހަމަ އެހާ ދުރު ހިސާބެއްގައެވެ. އަހަރެން ކަހަލަ ބާރަށް އުދުހެވޭ ހުދްހުދަކަށްވެސް އެރަށަށް ދެވެނީ 24 ގަޑިއިރުންނެވެ. އެކަމަކުވެސް އެތަޚްތު ސުލައިމާނުގެފާނުގެ ދަރުބާރަށް ގެނެވިއްޖެއެވެ. ސުލައިމާނުގެފާނު އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި ބޭކަލުން އިމްތިޙާނު ކުރެއްވިއެވެ. އެ ތަޚްތު ގެނެސްދިނުމަށް ސުލައިމާނުގެފާނު ވިދާޅުވުމުން އެމަޖްލީހުގައި އިން ބޮޑު ޢިފްރީތެއް ދެންނެވިއެވެ. ކަލޭގެފާނު މިގޮޑިކޮޅުން ތެދުވެ ވަޑައިގެންނެވުމުގެ ކުރިން އަޅުގަނޑު އެތަޚްތު ގެނެސްދީފާނަމެވެ. ސުލައިމާނުގެފާނުގެ އާދައަކީ އެގޮޑިކޮޅުގައި ކޮންމެދުވަހުކުވެސް ދެގަނޑިއިރު ހޭދަކުރެއްވުމެވެ. އެކަމަކު އެމަޖިލީހުގައި އިންނެވި ޢިލްމުވެރިއަކު ދެންނެވިއެވެ. ކަލޭގެފާނު ލޯފުޅު މަރުއްވާލައްވާފައި ހުޅުއްވާ ލެއްވުމުގެ ކުރިން އެތަޚްތު ގެނެސްދީފާނަމެވެ. އޭނާ އެހެން ދަންނަވާ ނުނިމެނިސް އެތަޚްތުހުރީ ސުލައިމާނުގެފާނުގެ އަރިހުގައެވެ.

މީސްތަކުން އެއީ ކޮންބޭކަލެއްތޯ ސުވާލު ކުރާނެއެވެ. އޭނާގެ ނަންފުޅަކީ ކޮބައިތޯވެސް އަހާނެއެވެ. އޭނާއަށް މާތްﷲ ދެއްވާފައި މިވާ ޢިލްމަކީ ކޮބައިތޯވެސް މީހުން ސުވާލު ކުރާނެއެވެ. އެފަދަ ބާރުގަދަ މީހަކު ސުލައިމާނުގެފާނުގެ މަޖިލީހުގައި އިންކަން ފުދެއެވެ. އެއީ މަލާއިކަތެއްވެސް ނޫނެވެ. އަދި ނަބީ ބޭކަލެއްވެސްނުމެ ނޫންމެއެވެ. މާތްﷲ ހެއްދެވި މަޚްލޫޤެކެވެ. އޭނާއަށް ފޮތުގެ ޢިލްމެއް ލިބިވަޑައި ގަންފައިވެއެވެ. އެއީ ޖިންނިންގެ ފޮތެއް ނޫނެވެ. ޖިންނިންގެ ތެރޭގައި ހިމެނޭ ޢިފްރީތުންނަށް އެކަން ކުރެވެން އޮތީ ދެގަޑިއިރުންނެވެ.

ސުލައިމާނުގެފާނު އެ ތަޚްތު ބަލްޤީސަށް އެނގިވަޑައި ނުގަންނަވާގޮތަށް ބަދަލުކުރުމަށް އެންގެވިއެވެ. އެ ތަޚްތުގައި ހުރި އަލިމަސްތަކާއި ޖަވާހިރުތައް ހަރުކޮށްފައި ހުރި ތަންތައް ބަދަލުކުރުމަށް އެންގެވިއެވެ.

ސުލައިމާނުގެފާނު ކުރައްވާ ބައެއް ކަންތައްތައް ކުރައްވަނީ ކީއްވެގެން ކަމެއް ނޭގެއެވެ. ދެން ސުލަމާނުގެފާނުގެ އަމުރުފުޅަށް ގަނޑުވަރެއް ބިނާކުރެވުނެވެ. މިގަނޑުވަރުގެ ތަޅުންގަނޑު ހަދަން އެންގެވީ އަޑި އެނގޭކަހަލަ ކްރިސްޓަލުންނެވެ.

މި ގަނޑުވަރުގެ އަޑީގައި ވަނީ އެތާނގައި މަސްތައް ދިރިއުޅޭ ފެންގަނޑެކެވެ. އެކަލޭގެފާނު އަންގަވައިގެން މިގަނޑުވަރުގެ ފާރުތައް ހަދާފައިވަނީ މީރުވަސްދުވާ ކެލާ ލަކުޑިންނެވެ. މިގަނޑުވަރުގެ ފަންގެފިލާ ހަދާފައިވަނީ ކުލަ ބިއްލޫރިންނެވެ. އިރުގެ އަލި ފަންގެފިލާއަށް އެޅުމުން ހުދުއަލި ވިއްސާރަދުނީގެ ކުލަތަކަށް ބަދަލުވެގެން ދެއެވެ. މި ގަނޑުވަރުގެ ކޮޓަރިތަކުގެ ކުލަބަދަލުވެގެން ދަނީ މި ހަތްކުލައަށެވެ. ބަލްޤީސް އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވުމުގެ ކުރިން މިގަނޑުވަރު ވަނީ ހައްދަވާ ނިންމަވައިފައެވެ. ގަނޑުވަރު ނިމުމުން ބަލްޤީސްގެ ތަޚްތު ބެހެއްޓެވީ ބައްދަލު ކުރައްވާ މާލަމުގައެވެ. މި ތަޚްތުގެ ކުރިމަތީގައި ހުރަސްއެޅޭ އެއްވެސް އެއްޗެއް ނުބެހެއްޓުމަށް އަމުރު ކުރެއްވިއެވެ. މިގޮތަށް ސުލައިމާނުގެފާނު ކަންތައްކުރެއްވެވީ އެކަމަނާއާ އިތުރަށް ޖަދަލު ކުރައްވަން އެދިވަޑައި ނުގަންވާތީއެވެ. ސުލައިމާނުގެފާނުގެ ވެރިކަމުގެ ޝާން ޝައުކަތުގެ ބޮޑުކަމާއި އެކަމަނާގެ ވެރިކަމުގެ ދެރަކަން ހާމަ ކުރެއްވުމަށް ޓަކައެވެ. އެކަލޭގެފާނު ދައްކަވަން ބޭނުންފުޅުވެ ވަޑައިގަން އެއްކަމަކީ މާތްﷲގެ ކުޅަދުންވަންތަކަމެވެ. މާތްﷲއަށް އީމާންނުވެ އެއްވެސް ކުރިއެރުމެއް ނުލިބޭނެކަމެވެ. އިރަށް ނުވަތަ އެހެންވެސް މަޚްލޫޤަކަށް އަޅުކަން ކޮށްގެން ކާމިޔާބީއެއް އަދި ކުރިއެރުމެއްނުލިބޭނެކަމެވެ. ޙަގީޤީ ކުރިއެރުން ލިބޭނީ އެންމެ ފުރަތަމަ މާތްﷲއަށް ކިޔަމަންގަނެ ބޯލަބައިގެންނެވެ. އެއަށްފަހު ސައެންސާއި ޓެކްނޮލޮޖީ އަދި ތަޢުލީމާއި ހުނަރުގެ ބޭނުން ކޮށްގެންނެވެ.

އަހަރެން ހީކުރިގޮތަށް ކަންތައްތައް ވެގެން ދިޔައެވެ. ބަލްޤީސް ރަނިން ސުލައިމާނުގެފާނުގެ ދަޢުވަތު ޤަބޫލު ކުރައްވާ އިސްލާމްވެ ވަޑައިގެންނެވިއެވެ.

އަހަރެން ދެފިޔަގަނޑު ޖަހާލައިފާ ސުލައިމާނުގެފާނަށް ދެންނެވީމެވެ.

ޢިއްޒަތްތެރި ޙިކްމަތްތެރި ސާހިބާ! މަނިކުފާނު ޤަޟިއްޔާ ކާމިޔާބު ކުރައްވައިފީމެވެ. އިންސާނީ ނަފްސެއް ހަލާކުން ސަލާމްތ ކުރައްވައިފީމުއެވެ. އެ ނަފްސާއެކު އެނަފްސުގެ ރައްޔިތުންވެސް ޝިރްކުގެ ނުބައިކަމުން ސަލާމަތް ކުރައްވައިފީމުއެވެ.

ސުލައިމާނުގެފާނު ވިދާޅުވިއެވެ.އޭ މާރްހާލާ! އަހަރެން ކަލޭގެ މަސައްކަތާ ރުހެމު... ކަލޭ ބޭނުންވަނީ ކޮންކަމެއްތަ؟ދެންނެވިން: އަޅުގަނޑުގެ އިނާމު ކޮބައިތޯ؟ވިދާޅުވި: ކަލޭ ބޭނުންކަމެއް އިޚްތިޔާރުކުރޭ.. ބޭނުމީ މުސާރަ ބޮޑުކޮށްދޭންތަ.. ނޫނީ ފުރަތަމަ ދަރަޖައިގެ ހުދްހުދު މެޑެލް ދޭންތަ؟ދެންނެވިން: އެއިން އެއްވެސްކަމެއް ބޭނުމެއްނޫން.. ބޭނުންވަނީ ތާރީޚަށް ވަން ސުލައިމާނުގެފާނުގެ ހުދްހުދަށްވާން..ވިދާޅުވި: ކަލެއަށް އަހަރެންގެ ނަންދޭނަން.. ކަލޭއަށް ސުލައިމާނުގެފާނުގެ ހުދްހުދޭ ކިޔާނަން.އަހަރެން ހިތާހިތާ ބުނިން: އަހަންނަކީ ސުލައިމާނުގެފާނުގެ ހުދްހުދެއް ނޫންތަ؟ވިދާޅުވި: ކަލެއަކީ ސުލައިމާނުގެފާނުގެ ހުދްހުދު.. އެކަން މުޅިދުނިޔެއަށް އިޢުލާނު ކުރައްވާނަން...ދެންނެވިން: އަޅުގަނޑު އެދެނީ ތިޔަ ކަމަށްވުރެވެސް ބޮޑުކަމަކަށް..ސުލައިމާނުގެފާނު ޙައިރާންވެ ވަޑައިގެން ވިދާޅުވީ: އޭ މާރްޙާލާ! ކޮންކަމެއްތަ ބޭނުންވަނީ..ދެންނެވިން: އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ހަދާން ތާރީޚުގައި ދެމިއޮތުމަށް... މިވާހަކަ ދުނިޔޭގެ އެންމެންނަށް އެނގެން.. މިއަދުން ފެށިގެން ޤިޔާމަތަށް ދާންދެން އެންމެންނަށް މިވާހަކަ އެނގެން.ސުލައިމާނުގެފާނު ވިދާޅުވި: އޭ މާރްހާލާ! ތިޔައީ އަހަންނަށް ކުރެވޭނެ ކަމެއްނޫން. ތިޔައީ މާތްﷲއަށް ލިބިވޮޑިގެންވާ ކަމެއް..ދެންނެވި: ޢިއްޒަތްތެރި ނަބިއްޔާ! އަޅުގަނޑަށް އެކަންއެގޭ... އެކަމަކު އަޅުގަނޑުގެ ނަން ދަމަހައްޓަވާ ދެއްވުމަށް ކަލޭގެފާނަށް ދުޢާ ދެންނެވިދާނެ... ސުލައިމާނު އިސްތަށިފުޅު އުފުއްލަވާ ލައްވާފައި ވިދާޅުވީ: އޭ މާރްހާލާ! ކަލޭ ހިސާބަށްވުރެ ބޮޑަށް ބޮޑާވަނީތަ؟ ތިޔައީ އެހެން އެއްޗެއްކަމަށް ހީވަނީތަ؟

ޖެހިލުމެއްނެތި ހުދްހުދު ދެންނެވި: ޢިއްޒަތްތެރި ނަބިއްޔާ! އަޅުގަނޑުގެ މައްސަލައަކީ ބޮޑާކަމެއްނޫން. އެކަމަކު އަޅުގަނޑު މީސްތަކުންނަށް އަންގައިދެން ބޭނުންވަނީ ނިކަމެތި ކުޑަކުޑަ ހުދްހުދެއް މެދުވެރި ކުރައްވާ މާތްﷲ ޤައުމެއްގެ ބަޔަކަށް ހިދާޔަތު ދެއްވިކަން... މިއީ އަޅުގަނޑުގެ ޙައްޤެއް... އެއީ އަޅުގަނުގެ ޢިއްޒަތްވެސްމެ...

ސުލައިމާނުގެފާނު ހިނިފުޅު ވަޑުވާލައްވާ ހުދްހުދުގެ ބޮލުގައި ފިރުމައި ލެއްވިއެވެ. އަދި ހުދްހުދުގެ ޛިކްރާ ޤިޔާމަތާ ޖެހެންދެން ދަމަހައްޓަވާ ދެއްވުމަށް މާތްﷲއަށް ދުޢާ ދެންނެވިއެވެ.

ސުލައިމާނުގެފާނު ދުޢާފުޅުން އަވަދިވެ ވަޑަިއގެން އަހަންނަށް ދިއުމަށް އެންގެވިއެވެ. އެހިނދު އަހަރެން ދެންނެވީމެވެ. ޢިއްޒަތްތެރި ނަބިއްޔާ! މަނިކުފާނުގެ ދުޢާ މާތްﷲ އިޖާބަ ކުރައްވާނެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އަޅުގަނޑުގެ ޛިކްރާ ޤިޔާމަތާ ޖެހެންދެން މާތްﷲ ދަމަހަޢްޓަވާ ދެއްވާނެ ގޮތަކާމެދު ޙައިރާންވެއެވެ. ޤިޔާމަތާ ޖެހެންދެން ދެމިއޮންނާނެ ފޮތަކީ ކޮބައިބާ؟

ސުލައިމާނުގެފާނު ވިދާޅުވިއެވެ. އަހަނަންކަށްވެސް ޣައިބެއް ނޭގޭ.. މާތްﷲއަށް ދަންނަވަން ކަލޭ އެދުމުން އަހަރެން ދުޢާކޮށްފިން... އަހަރެންގެ ދުޢާއަށް އިޖާބަ ދެއްވާނެ ގޮތެއް ނޭނގޭ ... ކަލެއާ އެއްގޮތަށް އަހަރެންވެސް އެކަމާމެދު ޙައިރާންވަން... ޤިޔާމަތާ ޖެހެންދެން ދެމިއޮންނާނެ ފޮތެއް ބާވައިލައްވާނީ ކޮން ނަބިއްޔަކަށްބާ! މާރްހާލާ!

އަޅުގަނޑަކަށް ނޭނގެ... މިއީ ޣައިބު... ކަލޭގެފާނަށް ވެސް އަދި އަޅުގަނޑަކަށް ވެސް އެއެއްނޭނގޭ...

ނިމުނީ.