ރެއާލުން 4-2 އިން އޮސަސޫނާ އަތުން މޮޅުވި މެޗުގައި ރެފްރީއަކަށް ހުރި މާޓިނޭޒް މުނުއޭރާއާ ދެކޮޅަށް ރެއާލުން ހުށަހެޅި މައްސަލަ ބަލައި ނުގަންނާނަން ކަމަށް ލަލީގާއިން ބުނެފިއެވެ.
ލަލީގާއިން މިހެން ބުނެފައިވަނީ އޮސަސޫނާއާ ދެކޮޅަށް ރެއާލުން ކުޅުނު މެޗުގައި އެޓީމުގެ ކުޅުންތެރިޔެއް ކަމުގައިވާ ވިނީޝިއަސް ޖޫނިއާއަށް ސަޕޯޓަރުންގެ ފަރާތުން ރައްދުވި ނަސްލީ މަލާމާތްތައް ހުއްޓުވުމަށް އެމެޗުގެ ރެފްރީކަން ކުރި މާޓިނޭޒް އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެ ރެއާލުން ހުށަހެޅި މައްސަލައާ ގުޅިގެންނެވެ.
ރެއާލުން ހުށަހެޅި މައްސަލައާ ގުޅިގެން ލަލީގާއިން ނެރުނު ބަޔާނުގައި އެލީގުން ވަނީ ރެފްރީ މުނުއޭރާއަށް އެލީގުގެ ފުރިހަމަ އިތުބާރު އޮންނަ ކަމުގެ ޔަގީންކަން ދީފައެވެ.
"ރެއާލް މެޑްރިޑުން ރެފްރީ މާޓިނޭޒް މުނުއޭރާއާ ދެކޮޅަށް ހުށަހެޅި މައްސަލަ ލަލީގާގެ އެގްޒެކެޓިގް ކޮމިޝަނުން އެއްވެސް ގޮތަކަށް ބަލައެއް ނުގަންނާނަން. ލަލީގާގެ ފުރިހަމަ އިތުބާރު ލީގުގެ ހުރިހާ ރެފްރީންނަށް އޮންނާނެ ކަމުގެ ޔަގީންކަން ދެން" މާޓިނޭޒްއާ ދެކޮޅަށް ހުށަހެޅި މައްސަލަ ބަލައި ނުގަންނާނެ ކަން ހާމަ ކުރަމުން ނެރުނު ބަޔާނުގައި ލަލީގާއިން ބުންޏެވެ.
ލަލީގާއިން ހާމަ ކުރާ ގޮތުގައި ރެއާލް މެޑްރިޑް އަދި އޮސަސޫނާ ބައްދަލު ކުރި މެޗުގައި ވިނީޝިއަސްއަށް ކުރިމަތިވި ފުރައްސާރަ ކުރުންތަކާ މެދު މާޓިނޭޒް ކަންތައް ކޮށްފައިވަނީ ރެފްރީންގެ އަމަލުތައް ބަހައްޓަން ޖެހޭ މިންގަނޑުތަކުގެ ތެރެއިންނެވެ. އަދި ރެއާލުން މާޓިނޭޒްއާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ ނާއިންސާފުން ހުށަހެޅި މައްސަލައެއްކަމަށް ވެސް އެލީގުން ވަނީ ބުނެފައެވެ.