ރާއްޖެއިން މިހާތަނަށް 6000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު 2،575 މީހަކަށް ވެކްސިން ދީފައިވާ ކަމަށާއި އަދި މުޅި ޖުމްލަ 6،854 މީހަކަށް މިހާތަނަށް ވެކްސިން ދީފައިވާ ކަމަށެވެ. މާލެ ސަރަހައްދުން މިހާތަނަށް 5،588 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 560 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މާލޭ ސަރަހައްދުގެ ހަ ތަނެއްގައި ވެކްސިން ޖެހުން ކުރިއަށް ގެންދާއިރު، ހދ. ކުޅުދުއްފުއްޓާއި އައްޑޫ ސިޓީ ހިތަދޫގެ އިކްއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އަދި މާލެއިން އައިޖީއެމްއެޗް، އޭޑީކޭ ހޮސްޕިޓަލް، ޓްރީޓޮޕް ހޮސްޕިުޓަލުން ވެސް ވެކްސިން ޖެހޭނެ އެވެ.

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ކޮވިޑް-19ގެ ވެކްސިން، "ކޮވިޝީލްޑް" ރާއްޖޭގައި ބޭނުންކުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން (އެމްއެފްޑީއޭ) އިން ވަނީ ދީފައެވެ. މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ބުނީ މި ހުއްދަ ދީފައިވަނީ ހާލަތަށް ރިއާޔަތްކޮށް "ރެސްޓްރިކްޓެޑް ޔޫސް އިން އިމަޖެންސީ ސިޗުއޭޝަން" ގައި ބޭނުން ކުރުމަށް ކަމަށެވެ.

މިހާރު ދެމުން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ވެކްސިނެވެ. އަދި ޗައިނާ އިން ވެސް ވަނީ 100،000 ޑޯޒްގެ ވެކްސިން ހަދިޔާކުރަން ނިންމާފަ އެވެ.