ފުރައިޑް ރައިސް - ތަރުކާރީ

ފްރައިޑް ރައިސްއަކީ ދިވެހިންގެ މެދުގައި މަގުބޫލު ކެއުމެކެވެ. ޓޫނާ ފުރައިޑް ރައިސް، ޗިކަން ފްރައިޑް ރައިސް އަދި ވެޖްޓަބަލް (ވެޖްޓަބަލް) ފްރައިޑް ރައިސްއަކީ މައިގަނޑު ގޮތެއްގައި ދިވެހިން ކައި އުޅޭ ފްރައިޑް ރައިސްގެ 3 ބާވަތެވެ.

"ހަލި ސުފުރާ" ގައި މިއަދު ކިޔުންތެރިންނާ ހަމައަށް މި ގެނެސްދެނީ "ތަރުކާރީ ފްރައިޑް ރައިސް" ތައްޔާރު ކުރާނެ ގޮތެވެ. މިއީ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ތައްޔާރު ކޮއްލެވޭނެ، ތައްޔާރު ކޮއްލަން ފަސޭހަ އަދި އަނގަޔަށް މީރު ކެއުމެކެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ބަތް (ބާސްމަތީ ހަނގުލުގެ) ، ½ ޖޯޑު ފިޔާ – ހިމުންކޮށް ކޮށާފައި ، ½ ޖޯޑު ލީކްސް – ހިމުންކޮށް ކޮށާފައި ، ⅓ ޖޯޑު ކެޕްސިކަމް – ހިމުންކޮށް ކޮށާފައި ، 2 މޭޒުމަތީ ސަމްސާ ފެނުކެއްކި ނުވަތަ ގަނޑުކުރި ފެހި އޮއް ، 2 މޭޒުމަތީ ސަމްސާ ކެރެޓު (ގޮޅިކޮށް ކޮށާފައި) ، 1 މޭޒުމަތީ ސަމްސާ މަޝްރޫމް (ފޮތިކޮއްފައި) ، 1 މޭޒުމަތީ ސަމްސާ އިނގުރު ޕޭސްޓް (ނުވަތަ މުގުރި އިނގުރު) ، 1 މޭޒުމަތީ ސަމްސާ ލޮނުމެދު ޕޭސްޓް (ނުވަތަ މުގުރި ލޮނުމެދު) ، ½ މޭޒުމަތީ ސަމްސާ މުގުރި އަސޭމިރުސް ، 1 މޭޒުމަތީ ސަމްސާ ވިނެގަރ ، 2 މޭޒުމަތީ ސަމްސާ ޗިލީ ސޯސް ، ¼ މޭޒުމަތީ ސަމްސާ އަޖިނަމޮޓޯ (ބޭނުންފުޅުނަމަ) ، 1½ ސައިސަމްސާ ސޯއީ ސޯސް ، 2 ސައިސަމްސާ ތެޔޮ ، ލޮނު (ރަހަ ހެޔޮވަރު ވާ ވަރަށް).

ހަދާނެގޮތް:

ތަތް ނުލަވާ ތެއްޔެއް ނުވަތަ ތަވައެއްގައި ތެޔޮކޮޅު ހޫނުކޮއްލެއްވުމަށްފަހު، ކޮއްޓެވި ފިޔާކޮޅާއި ލީކްސް ކޮޅު އަޅުއްވާ، ފިޔާކޮޅު ރަތްވަންދެން މީރު ކޮއްލައްވާށެވެ.

އިނގުރު، ލޮނުމެދު އަދި ކެޕްސިކަމް ކޮޅު އެޅުއްވުމަށްފަހު ގާތް ގަނޑަކަށް 2 މިނެޓު ވަންދެން ހަނާކޮށް ލައްވާށެވެ. ދެން ތަރުކާރީ ކޮޅު އަޅުއްވާ އެއްކޮއްލައްވާށެވެ. ( ބޭނުންފުޅުވާނަމަ އެހެން ބާވަތް ތަކުގެ ތަރުކާރީވެސް ބޭނުން ކުރެވިދާނެއެވެ). އިތުރު 3-2 މިނެޓު ވަންދެން ކައްކާލާށެވެ. ނުވަތަ ތަރުކާރީކޮޅު މަޑު ވަންދެން ކައްކާލާށެވެ. ލޮނު، އަސޭމިރުސް (އަދި ބޭނުންފުޅުވާނަމަ އަޖިނަމޮޓޯ) އެޅުއްވުމަށްފަހު ރަނގަޅަށް އެއްކޮއްލައްވާށެވެ. (ލޮނު އަޅުއްވާއިރު، ސޯއީ ސޯސްއަކީވެސް ލޮނު އެއްޗެއްކަން ހަނދުމަފުޅު ބަހައްޓަވައިގެން އަޅުއްވާށެވެ). ދެން ބަތް ކޮޅާއި، ސޯސްތަކާއި (ސޯއީ ސޯސް އަދި ޗިލީ ސޯސް) އަދި ވިނެގަރ އެޅުއްވުމަށްފަހު ރަނގަޅަށް އެއްކޮއްލައްވާށެވެ. އިތުރު 3-2 މިނެޓު ވަންދެން ހަނާ ކޮއްލައްވާށެވެ. ބަތް ކުޑަކޮށް ހަރު ވެލުމުން އުނދުންމަތިން ބާލާށެވެ.

ރެފެރަންސް: މޯލްޑިވްސްކުކް