އދއިން ގާއިމްކޮށްފައިވާ ފަލަސްތީނު ރެފިއުޖީ އޭޖެންސީއަށް ދެމުން އައި މާލީ އެހީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީން ވަރަށް ބޮޑަށް މަދުކޮށްފިއެވެ.

ފަލަސްތީނުގެ ރެފިއުޖީންނަށް އެހީވުމަށް އދއިން އުފައްދާފައިވާ ޔޫއެންއާރްޑަބްލިޔުއޭ އަކީ، ފަލަސްތީނުގެ ބިމުގައާއި، އަދި މެދުއިރުމަތީގެ ގައުމުތަކުގައި ރެފިއުޖީންގެ ގޮތުގައި ދިރިއުޅޭ އެތައް މިލިއަން މީހުންނަށް ތައުލީމާއި، ސިއްހީ ޚިދުމަތާއި، އެނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް އދއިން އުފައްދާފައިވާ އޭޖެންސީއެކެވެ.

މި އޭޖެންސީން އެހީތެރިކަން ފޯރުކޮށްދޭ ރެފިއުޖީންގެ ގިނަ މީހުންނަކީ 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އިސްރާއީލުގެ ދައުލަތް އުފެއްދުމުން ގެދޮރު ގެއްލި، ރަށުން ބޭރުވެގެން ދިޔަ މީހުންނާއި އަދި ގަދަކަމުން ފަލަސްތީނުގެ ބިމުން ބޭރުކޮށްލެވުނު މީހުންނެވެ.

އިސްރާއީލު އުފެއްދުމުން ފަލަސްތީނުގެ 700،000 މީހުން ރެފިއުޖީންގެ ގޮތުގައި ވެގެންދިޔައިރު، އދގެ އޭޖެންސީން މިހާރު ފަލަސްތީނު ރެފިއުޖީންގެ 5.7 މިލިއަން މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދެއެވެ.

މި އޭޖެންސީއަށް ދުނިޔޭގެ ގައުމުތަކުން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ގެންދާއިރު، ޔޫއެންއާރްޑަބްލިޔުއޭއަށް ޔޫއޭއީން 2018 ވަނަ އަހަރު 51،8 މިލިއަން އެމެރިކާ ޑޮލަރު ދީފައި ވެއެވެ. އަދި 2019 ވަނަ އަހަރުވެސް އެވަރަށް ފައިސާ ދީފައި ވެއެވެ.

ނަމަވެސް، ނިމިގެންދިޔަ 2020 ވަނަ އަހަރު ޔޫއޭއީން ފަލަސްތީނު ރެފިއުޖީ އޭޖެންސީއަށް ދީފައިވަނީ އެންމެ މިލިއަނެއްހާ ޑޮލަރެވެ.

މިކަން ހާމަކޮށްފައިވަނީ ޔޫއެންއާރްޑަބްލިޔުއޭގެ ތަރުޖަމާނު ސާމީ މްޝާޝާއެވެ. އޭނާ މިކަން ހާމަކުރެއްވީ، އިސްރާއީލުގެ މީޑިއާއިން އެ ވާހަކަ ރިޕޯޓްކުރުމުންނެވެ.

އެހެން ނަމަވެސް، ފަލަސްތީނު ރެފިއުޖީ އޭޖެންސީއަށް ޔޫއޭއީން ކުރިން ދެމުންގެންދިޔަ މިންވަރަށް މާލީ އެހީތެރިކަން މިހިނގާ 2021 ވަނަ އަހަރު ދޭނޭކަމަށް އުންމީދު ކުރައްވާ ކަމަށް ސާމީ މްޝާޝާ ވިދާޚުވިއެވެ.

އެހީގެ އެތިކޮޅު މަދުވެގެން އެ ވާހަކަ މީޑިއާއިން ރިޕޯޓްކުރި ނަމަވެސް، ޔޫއޭއީން އެކަމާ ގުޅޭގޮތުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

2020 ވަނަ އަހަރު ޔޫއޭއީން ފަލަސްތީނު ރެފިއުޖީ އޭޖެންސީއަށް ދިން މާލީ އެހީގެ މިންވަރު ވަރަށް ކުޑަވެގެން ދިޔައިރު، އިސްރާއީލާއެކު އާދައިގެ ގުޅުމަކަށް ދިއުމަށް ނިންމައި ޔޫއޭއީން އެކަން ކޮށްފައިވަނީވެސް މިދިޔަ އަހަރުގެ ތެރޭގައެވެ.

ޔޫއޭއީގެ ނިންމުން ފަލަސްތީނުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައި ވާއިރު، ބުނެފައިވަނީ، މިއީ ޔޫއޭއިން ފަލަސްތީނު ރައްޔިތުންނަށް ޣައްދާރުވުން ކަމަށެވެ.

ޔޫއޭއީގެ ފަހުން، ފަލަސްތީނު ރައްޔިތުންގެ އިހްސާސްތަކާ ދެކޮޅަށް ބަހްރެއިން، ސޫދާން އަދި މޮރޮކޯއިންވެސް މިހާރުވަނީ އިސްރާއީލާ ސިޔާސީ ގުޅުން ގާއިމްކޮށް އާދައިގެ ގުޅުމަކަށް ދިއުމަށް ނިންމާފައެވެ.

ޔޫއެންއާރްޑަބްލިޔުއޭ ދެކެ އިސްރާއީލު ވަރަށް ރުޅި އާދެއެވެ. ސަބަބަކީ، ވަކި ގައުމެއްގެ ރެފިއުޖީންނަށް އެހީވާން އދއިން އޭޖެންސީއެއް ހަދައިގެން އުޅޭތީއެވެ.

އިސްރާއީލަށް ތާއީދުކުރުމުގެ ގޮތުން، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ، ޔޫއެންއާރްޑަބްލިޔުއޭއަށް އެމެރިކާއިން ދެމުންގެންދިޔަ މާލީ ހުރިހާ އެހީތެރިކަމެއް 2018 ވަނަ އަހަރު އެއްކޮށް ކަނޑާލާފައެވެ.

ޓްރަމްޕް އެގޮތަށް ނިންމުމުގެކުރިން އެމެރިކާއިން އަހަރެއްގެ މައްޗަށް 360 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ، ޔޫއެންއާރްޑަބްލިޔުއޭއަށް ދެމުންގެންދިޔައެވެ. ޔޫއެންއާރްޑަބްލިޔުއޭއަށް މާލީ އެންމެބޮޑު އެހީތެރިކަމެއް ކުރިން ވަމުން ގެންދިޔައީވެސް އެމެރިކާއިންނެވެ.

އެމެރިކާގެ ރައީސްކަމާ ޖެނުއަރީމަހު ހަވާލުވެވަޑައިގެންނެވި ޖޯ ބައިޑެންވަނީ، ފަލަސްތީނު ރެފިއުޖީންވެސް ހިމެނޭގޮތުން އެމެރިކާއިން ފަލަސްތީނަށް ދެމުން އައި މާލީ އެހީތެރިކަން އަލުން ދެއްވަން ފަށްޓަވާނެ ކަމަށް އިއުލާން ކުރައްވާފައެވެ.