ހުޅުމާލެ ފޭސް 2 ގެ ނެރާ ދިމާ ފަޅުތެރޭގައި އަޅާފައި އޮއްވައި ދިޔަވަމުންދިޔަ ސަފާރީއަކުން ދިޔަހިއްކުމުގައި އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގީ، 80 ފޫޓުގެ "ފާތިމާ" ނަމަކަށް ކިޔާ ސަފާރީގައި ބޭނުންކުރަމުންދިޔަ ޖެނެރޭޓަރު ހަލާކުވުމުގެ ސަބަބުން ކަމުގައި ބެލެވޭ ކަމަށެވެ. އަދި ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން، އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރްސީސީ) އަށް އިއްޔެ 14:09 ހާއިރު ގުޅައި އެހީތެރިކަމަށް އެދުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވެފައިވާ ކަމަށްވެސް ބުންޏެވެ.

އަދި އެ ހާދިސާގެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރކްރާފްޓް، މެންދުރު 14:34 ހާއިރު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފެށާފައިވާ ކަމަސާއި އަދި، 14:38 ހާއިރު ޕަންޕުގުޅައި ދިޔަ ހިއްކުމުގެ މަސައްކަތްވެސް ވަނީ ފަށާފައި ކަމަށް އެ ފަރާތުން ބުނެފައިވެެއެވެ.

މީގެއިތުރުން އެމްއެންޑީއެފުން ބުނީ 16:03 ހާއިރު ދިޔަވުން ކޮންޓްރޯލްކުރެވި، ސަފާރީގައިވާ ވަސީލަތްތައް ބޭނުންކޮށްގެން ފެންމަތިކުރުމުގައި 16:27 ހާއިރު ވާންދެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ޚަބަރު: އެމްއެންޑީއެފް