މިސްކިތްތަކުގެ އިމާމުންނަށް ކޮވިޑް ވެކްސިން ދިނުމުގެ އިންތިޒާމްތައް އެޗް.ޕީ.އޭ އާ ގުޅިގެން ހަމަޖައްސަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިމާމުންނަށް އަންގައިފިއެވެ.

އިމާމުންނަށް މިކަން އަންގައިފައިވަނީ ކޮވިޑް-19 ގެ ޙާލަތު އިތުރަށް ގޯސްވަމުންދާތީ އިމާމުން ޢަމަލުކުރަންވީ ގޮތުގެ އިތުރު އިރުޝާދު ދިނުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން އިމާމުންނާ އެކު ބޭއްވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުވުމުގައި މިސްކިތްތަކަށް ނަމާދަށް އަންނައިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށް ޢާއްމުންނަށް އިތުރަށް ނަޞޭޙަތްތެރިވުމަށް މިނިސްޓްރީން ވަނީ އިމާމުންނަށް އަންގައިފައެވެ. އެގޮތުން މިސްކިތަށް އަންނައިރު އެންމެން ވެސް މާސްކް އެޅުމުގެ އިތުރުން މުސައްލައެއް ހިފައިގެން އައުމަށް ކުރިއަށްވުރެ ބޮޑަށް ބާރު އެޅުމަށް ވަނީ އަންގައިފައެވެ.

ޢާއްމު ސަލާމަތާއި ރައްކާތެރިކަމަށާއި އެންމެންގެ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ޤަވާޢިދުތަކަށް ހުރިހައި މީހުން ވެސް އެއްބާރުލުންދީ އެކަންކަމަށް އިތުރަށް ސަމާލުވުމަށްވަނީ ވެސް މިނިސްޓްރީން ވަނީ އަންގައިފައެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ހޯލްގައެވެ. ބައްދަލުވުމުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ އިމާމް އައްޝައިޚް ނަޞްރުﷲ ޢަލީގެ އިތުރުން މިނިސްޓްރީގެ މިސްކިތްތަކާ ބެހޭބައިގެ އިސް މުވައްޒަފުންވަނީ ބައިވެރިވެފައެވެ.