ފަރެސްމާތޮޑާ ކައުންސިލް ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަންކަން މާތޮޑިއަންސްއިން ރޭ ހޯދައިފިއެވެ.

މާތޮޑިއަންސްއިން ޗެމްޕިއަންކަން ހޯދީ, ފައިނަލުގައި 6-1 އިން ކަންމަތީ ނިއު ޖެނެރޭޝަން އަތުން ކުރި ހޯދައިގެންނެވެ.

ރޭގައި ކުޅުނު ފޯރިގަދަ ފައިނަލުގެ މޭން އޮފް ދަ މެޗްއަކަށް ހޮވިފައިވަނީ މާތޮޑިއަންސް ޓީމުގެ ޖާޒީ ނަންބަރު 17, އަލީ ޝަމާލެވެ. ޝަމާލު ވަނީ މީގެ އިތުރުން އެހެން 4 މެޗެއްގެ މޭން އޮފް ދަ މެޗް ހާސިލުކޮށްފައެވެ. އޭނާ ވަނީ, 28 ލަނޑާއެކު މުބާރާތުގެ ޓޮޕް ސްކޯރާރގެ މަގާމު ވެސް ހާސިލުކޮށްފައެވެ.

ރޭގައި ކުޅުން ފައިނަލަށްފަހު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ވަނީ ކުރިއަށް ގެންގޮސްފައެވެ. ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމުގެ ގޮތުން ހުވަދުއަތޮޅު ދެކުނުބުރީގެ ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ބައިވެރިވެވަޑައިގަންފައެވެ.

މި ރަސްމިއްޔާތުގައި މުބާރާތް ހިންގުމަށް ޓަކައި އެހީވި ހުރިހާ ފަރާތްތަކަށް ހަނދާނީ ލިޔުން ދިނުމުގެ އިތުރުން މުބާރާތުގައި އެކި ވަނަތައް ހާސިލުކުރި ކުޅުންތެރިންނަށް އިނާމު ދިނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރޭގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގައި, ޗެމްޕިއަން ޓީމު (މާތޮޑިއަންސް) އަދި ރަނަރ އަޕް ޓީމު (ނިއު ޖެނެރޭޝަން) ގެ އިތުރުން ފެއާޕްލޭ ޓީމު ކަމުގައިވާ ކޮޑެދޫ ސްޕޯޓްސް ކްލަބަށް ވަނީ ހަނދާނީ ލިޔުމާއި ޓްރޮފީ ހަވާލުކޮށްފައެވެ.

މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންނަކަށް ހޮވިފައިވަނީ މާތޮޑިއަންސްގެ އަލީ ޝަމާލް, ކަންމަތި ނިއު ޖެނެރޭޝަންގެ އަހްމަދު ބައްސާމް މުހައްމަދު ނައީމް, ބެންޑިޓްސްގެ ހުސައިން ޝަރީފް, ކަންމަތި ނިއު ޖެނެރޭޝަންގެ އަލީ ޝަހުމް އަދި މާތޮޑިއަންސްގެ ގޯލްކީޕަރު ޝުޖާއު ރަޝީދެވެ.

މުބާރާތުގެ އެންމެ ޕްރޮމިސިންގް ޕްލޭޔާރ އަކަށް ހޮވިފައިވަނީ ބެންޑިޓްސް ޓީމުގެ އިދާން ބިން އަބްދުﷲ އެވެ.