މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގައި މަސައްކަތް ކުރަމުންދާ މުވައްޒަފަކު ޖިންސީ ފުރައްސާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް އެ ކުންފުނިން ބަލަން ފަށްޓައިފިއެވެ.

އެމްއެމްޕީއާރސީގެ މުވައްޒަފަކު ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި މައްސަލައާއި ގުޅިގެން އެމްއެމްޕީއާރުސީން ނެރުނު ނޫސް ބަޔާނެއްގައި އެކުންފުނިން ވިދާޅުވީ، މުވައްޒަފަކު ޖިންސީގޮތުން ފުރައްސާރަ ކުރިކަމަށް ބުނެވޭ އެއްވެސް މައްސަލައެއް އެ ކުނފުނީގެ މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށައަޅާފައި ނުވާކަމަށެވެ. އަދި މިފަދަ މައްސަލައެއް ހުށައަޅާފައި ނުވީނަމަވެސް، މި މައްސަލައިގެ ސައްހަކަން ކަށަވަރު ކުރުމަށް އެ ކުންފުނީގެ މެނޭޖްމަންޓްއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެނޫސް ބަޔާނުގައި ވެއެވެ.

މީގެއިތުރުން އެމއެމްޕީއާރްސީއިން ވިދާޅުވީ މިމައްސަލަ ތަހުގީގު ކުރުމަށް ފަހު އެކުންފުނީގެ އެއްވެސް މުވައްޒަފަކު އެފަދަ ކުށެއް ކޮށްފައިވާނަމަ އެކަމާއި މެދު އަޅަން ޖެހޭ ފިޔަވަޅުތަށް އެޅޭނެ ކަމަށެވެ. އަދި ޖިންސީ ފުރައްސާރަކުރުމަކީ އެ ކުންފުނިން އެއްވެސް ގޮތަކަށް ބަލައިގަންނަ އަމަލެއް ނޫންކަމަށާއި މިފަދަ ކަމެއް ކޮށްފައިވާނަމަ، އެ މުވައްޒަފަކާއި މެދު އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށް އެކުންފުނިން ވިދާޅުވިއެވެ.