ޕީޕީއެމް/ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އެނގިވަޑައިގަންނަވާނީ މި ވަގުތު ޕާޓީގައި ތިއްބެވި ބޭފުޅުންނަށް ކަމަށާއި އަދި ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ވެސް މިވަގުތު ޕާޓީގެ ކަންކަން ދާގޮތެއް އެނގިވަޑައި ނުގަންނަވާނެ ކަމަށް މަޖިލިސް އިންތިހާބުގެ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަން އަދި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސްގެ ޗީފް ސްޕޯކްސްޕާސަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއެއް ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މީގެއިތުރުން ހިނާ ވަނީ ދުރުގައި ތިއްބަވާ ބޭފުޅުންނަކަށް މަސައްކަތްތައް ކުރިއަށް ދާ ގޮތެއް އެނގިވަޑައެއް ނުގަންނަވާނެ ކަމަށް ވިދާޅުވެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމްގެ ނަމުގައި ވާދަކުރުމުގެ ފުރުސަތު އެޕާޓީގެ މެމްބަރުންނަށް ދީފައި ނުވާކަމަށް ވިދާޅުވެ ރައީސް ޔާމިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
އަދި ޕީއެންސީއަކީ މި ވަގުތު ވެރިކަން ކުރާ ޕާޓީ ކަމަށާއި، މަޖިލިސް އިންތިހާބުގައި ޕީއެންސީން ހުރިހާ ކެންޑިޑޭޓުން ވާދަކުރަން ނިންމުމަކީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ނިންމުމެއް ކަމަށްވެސް ހިނާ ވިދާޅުވެފައިވެއެވެ.
މިމަހު 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ވާދަކުރާ ހުރިހާ ކެނޑިޑޭޓުންވެސް ވާދަކުރަމުން ދަނީ ޕީއެންސީގެ ނަމުގައެވެ.