މާފަންނު ދެކުނު ދާއިރާއަކީ އެއިރެއްގައި އޮންނަ ސަރުކާރަކާއެކު ތަރައްގީ ގެނައުމަށް އެއްބާރުލުން ދޭނެ ދާއިރާއެއް ކަމަށާއި 19 ވަނަ މަޖިލީހަށްވެސް އެ ދާއިރާއިން ހޮއްވެވީ އޭރުގެ ސަރުކާރުގެ ކެނޑިޑޭޓު ކަމަށް މާފަންނު ދެކުނު ދާއިރާއަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
ބޮޗޭ މިހެން ވިދާޅުވީ ރޭ އެމަނިކުފާނުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ބޮޗޭ އިތުރަށް ވިދާޅުވީ މިއަދާ ހަމައަށް ބައްދަލުވި ދާއިރާގެ ރައްޔިތުންގެ ޝުއޫރަކީވެސް އެއީ ކަމަށާއި އެ ދާއިރާއިން ބޭނުންވަނީ ރައީސް މުއިއްޒުގެ މެނިފެސްޓޯ ރަނުން ރަނަށް ތަންފީޒުކުރެވިގެންދާތަން ބަލަން ކަމަށެވެ. އަދި އެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގާބިލް ކެންޑިޑޭޓަކީވެސް އޭނާ ބޮޗޭ ކަމަށާއި ދާއިރާއަށާއި މުޅި ރާއްޖެއަށް މުއިއްޒު ދުވެލީގައި ތަރައްގީ ގެނައުމަށް ސަރުކާރު ކެންޑިޑޭޓުން މަޖިލީހަށް ހޮވަން ޖެހޭ ކަމަށްވެސް ބޮޗޭ ވިދާޅުވެފައިވެއެވެ.
ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ބޮޗޭ އިތުރަށް ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ އެންމެ ފަހު ވަގުތު ރައީސް ޑރ މުއިއްޒުގެ ކިބައިން ފެނިވަޑައިގެންނެވީ އާދަޔާ ހިލާފަށް ވަރުގަދަ އަޒުމެއް ކަމަށާއި އަދި ވަރުގަދަ ސްޕީޑެއްކަމަށާއި އަދި އެ ސްޕީޑުގައި މުޅި ރާއްޖެ 30 ދުވަހުގެ ތެރޭގައި ކަވަރުކޮށް ނިންމާލި މަންޒަރު ކަމަށެވެ.
އަދި ރައްޔިތުން ބޭނުންވާ ސްޕީޑަކީ މިއީ ކަމަށާއި މިއަދު ދިވެހިރާއްޖެ ބޭނުންވަނީ މުއިއްޒު ދުވެލީގައި ކުރިއަށްދިއުމަށް ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް މުއިއްޒު ސްޕީޑުގައި މަސައްކަތް ކުރާނެ މެމްބަރުންތަކެއް ހޮވިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޗޭ ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް ކުރީގެ ސަރުކާރު ކެނޑިޑޭޓުގެ ގޮތުގައި މާފަންނު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވާފައެވެ.