ކޮންސްޓެންސް މޫފުށި ރިސޯޓުން 8 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ރަފީގް ވިދާޅުވީ، މޫފުށި ރިސޯޓްގެ ކްލަސްޓާއަކީ މިދިޔަ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޕޮޒިޓިވް ކޭސްތަކެއް ފެންނަމުން އަންނަ ކްލަސްޓާއެއް ކަމަށާއި، އެގޮތުން މިމަހުގެ 4 ވަނަ ދުވަހު 4 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށާއި އަދި އިއްޔެވެސް މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
މީގެއިތުރުން އެރިސޯޓުން މިއަދު އިތުރު 8 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި، މިއާއިއެކު މިހާތަނަށް އެ ރިސޯޓުން 20 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ނަޒްލާ ވިދަޅުވިއެވެ.
މީގެއިތުރުން ކޮވިޑްގެ ކޭސްތައް ގިނަވެ މިވަގުތު ހިންގުން ހުއްޓާލުމަށް އަންގާފައިވާ އަނަންތަރާ ކިހާވަށް ރިސޯޓުން މިއަދު އިތުރު 2 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ނަޒްލާ ވިދާޅުވިއެވެ. މިއާއިއެކު މިހާތަނަށް މި ރިސޯޓުން 86 މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ.