ސައުދީ ސުޕަރ ކަޕުގެ ސެމީ ފައިނަލުގައި އަލްނަސްރު އަތުން 2-1 އިން މޮޅުވެ އަލްހިލާލު މުބާރާތުގެ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފިއެވެ.

ޔޫއޭއީގެ ދަނޑެއް ކަމުގައިވާ މުހައްމަދު ބުން ޒަޔެދް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީ އަލްހިލާލުންނެވެ. އަލްހިލާލުން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައިވަނީ މެޗުގެ 61 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދިނީ ސާލިމް އަލްދައުސަރީއެވެ. މެޗުގެ 72 ވަނަ މިނެޓުގައި އަލްހިލާލުގެ މަލްކޮލް ކާމިޔާބު ކުރި ލަނޑާއެކު އެ ޓީމުން ވަނީ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.

އަލްހިލާލު އަތުން ބަލިވަމުން ދިޔަ އަލްނަސްރަށް ކަންކަން ގޯހުން ގޯހަށް ދިޔައީ, މެޗުގެ 86 ވަނަ މިނެޓުގައި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯއަށް ރަތް ކާޑު ދެއްކުމުންނެވެ. ކުޅުންތެރިޔެއް ގައިގައި އުޅަބޮށިން ޖެހިކަމަށް ބަލާ ރެފްރީ ވަނީ ރޮނަލްޑޯއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. އެއާއެކު އަލްނަސްރަށް ޖެހުނީ 10 ކުޅުންތެރިންނާއެކު މެޗުގެ ބާކީބައި ކުޅޭށެވެ.

10 ކުޅުންތެރިންނާއެކު ކުޅެމުން ދިޔަ އަލްނަސްރަށް އަލްހިލާލުގެ ވަރުގަދަ ޑިފެންސް ފޫ އަޅުވާލައި, ސުމެއް ކަނޑާލެވުނީ މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރި ފޯވާޑު ސާދިއޯ މާނޭއެވެ. ނަމަވެސް އަލްނަސްރަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުމާއެކު އެ ޓީމަށް ވަނީ މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

ސެމީ ފައިނަލު ކާމިޔާބު ކުރި އަލްހިލާލު ފައިނަލުގައި ނިކުންނާނީ އަލްއިއްތިހާދާ ދެކޮޅަށެވެ. ދެ ޓީމު ވާދަކުރާ ފައިނަލު އޮންނާނީ 11 އޭޕްރީލް ވާ ބުރާސްފަތި ދުވަހުއެވެ.