ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހޯރަފުށީ ކައުންސިލުން ހިންގަމުންދާ ކަންތައްތައް ޕީއެންސީން ކުށްވެރި ކޮށްފިއެވެ.
ޕީއެންސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ ފަރާތުން ހޯރަފުށި ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓާ ދެކޮޅަށް ހޯރަފުށި ކައުންސިލުން ދަނީ އެންޓި ކެމްޕެއިން ކުރަމުންކަމަށެވެ.
އަދި މިވަގުތު ހޯރަފުށީ ކައުންސިލްގެ އަމާޒު ހުރީ ގާނޫނުން އެކައުންސިލާއި މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްވުރެ ބޮޑަށް، ރަސްމީގަޑީގައާއި ނުރަސްމީ ގަޑީގައިވެސް އިދިކޮޅު ކެންޑިޑޭޓްގެ ކެޕްމެއިން ކުރުމަށްކަމަށް ވެސް އެ ބަޔާނުގައި ޕީއެންސީން ބުނެފައިވެއެވެ.
މީގެއިތުރުން އެ ކޯލިޝަނުން ވަނީ ގާނޫނުތަކުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި ކެމްޕެއިން ކުރުމަށް ހޯރަފުށި ކައުންސިލް މެންމަބަރުންނަށް ގޮވާލާފައެވެ. އަދި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ބަލާ ތަހުގީގުކުރުމަށްވެސް ޕީއެންސީން ބުނެފައިވެއެވެ.
އަދި މަޖިލިސް އިންތިހާބާ ދިމާކޮށް ހޯރަފުށިން ގޯތި ދިނުމާއި ގޯތި ބޮޑުކޮށް ދިނުންފަދަ ކަންކަން ކުރަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި އެއީ ކަނޑައެޅިގެން އިންތިހާބުތަކާބެހޭ ގާނޫނާވެސް ހިލާފު ކަމެއްކަމަށް ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.