މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށާއި އާރްޓީއެލް ފެރީގެ ހިދުމަތް ނ، ރ އަދި ބ އަތޮޅަށް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ މީރުމާ އިވެންޓް ހޯލުގައެވެ.
މިއަދު ކުރިއަށް ދިޔަ މި އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީން އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.
އަދި ތިން އަތޮޅަކަށް އާރްޓީއެލްގެ ފެރީގެ ހިދުމަތް ފުޅާކުރުމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މަރިޔަމް ޝަހާނާއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޓީސީސީގެ ސީއީއޯ ޒިޔާދު ވިދާޅުވީ އެ ހިދުމަތާއި އެކު އަތްފޯރާ އަގުގައި މުލަކު އަތޮޅުން މާލެއަށް ދަތުރުކުރެވޭނެ ކަމަށެވެ. އަދި މ. އަތޮޅާއި މާލެއާ ދެމެދު ސްޕީޑް ފެރީގެ ހިދުމަތް ފެށުމުން އެ އަތޮޅުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.