ލިޔުނީ: އަޒްހީން

ހަށިވިއްކުމަށް ހާއްސަކޮށްގެން ޓެލެގްރާމް ޗެނަލްތައް ހަދައިގެން އުޅުނު މީހުންނަށް އެހީތެރިވެދީ އުފުލައިދިން ޓެކްސީ ޑްރައިވަރު ހައްޔަރުކޮށްފިއެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ފުލުހުން ވަނީ ކުރީ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ޖަޒީރާގެ ނަމުގައި ޓެލެގްރާމް ގްރޫޕްތަކަކަކުން ހުއްދަނޫން ވިޔަފާރިތަކެއް ކަމަށްވާ ހަށި ވިއްކުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މައްސަލަ ތަހުގީގުކޮށްފައެވެ. މި ޗެނަލްތައް މެނޭޖްކުރި ކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ ދެމަފިރިން ކަމުގައިވާ އުމުރުން 28 އަހަރުގެ ފިރިހެނަކާއި 39 އަހަރުގެ އަންހެނެކެވެ. އަދި އޭގެ ތެރެއިން އެކަކަކީ، ގިނަ އަދަދެއްގެ ކުށުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އޭރު ބުނި ގޮތުގައި، ޓެލްގްރާމް ޗެނެލްތަކެއް ކަމަށްވާ، ޖަޒީރާ އެޑްމިން، ޖަޒީރާ ގާލްސް، ޖަޒީރާ ސްކޭމް އެލާޓް، ޖަޒީރާ ލިންކް ހަބަރު އަދި ޖަޒީރާ އެސްކޯޓް ގެލެރީއަށް އެހީތެރިވެ، ހަށިވިއްކަން މީހުން އެކި ތަންތަނަށް އުފުލައި ދިނުމުގައި ޓެކްސީ ޑްރައިވަރެއް އެކަމަށް ހާއްސަ ޓެކްސީއެއްގައި ބައިވެރިވެފައިވެއެވެ.

ޓެލެގްރާމް ޗެނަލް މައްސަލައިގައި މިދިޔަ މަހުގެ 30 ވަނަ ދުވަހު އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވިއެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވިދާޅުވިއެވެ. އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވާ މި މީހަކީ ހަށިވިއްކި މީހުން އުފުލި ޓެކްސީގެ ޑްރައިވަރެވެ.