ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމުގައި ހުންނެވި، ލެފްޓިނެންޓް ޖެނެރަލް އަބްދުއްރަޙީމް އަބްދުއްލަތީފް، 39 އަހަރުގެ އިހުލާސްތެރި ހިދުމަތަށްފަހު، އުމުރުފުޅުން 60 އަހަރު ފުރުމާއެކު ސިފައިންގެ ގާނޫނުގައިވާގޮތުގެމަތިން ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރޭ ރިޓަޔަރ ކުރައްވައިފިއެވެ.

މިކަމަށްޓަކައި ރޭ ސިފައިންގެ މައިމަރުކަޒުގައި ބޭއްވި ޚާއްޞަ މި ރަސްމިއްޔާތަށް، ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް އަބްދުއްލަތީފް ވަޑައިގެންނެވުމުން އެމަނިކުފާނުގެ ޝަރަފުގައި ދިވެހި ސިފައިން ވަނީ އޮނަރ ގާޑެއް އަރުވާފައިވެއެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ހާއްސަ ސިޓީފުޅު އަދި، އިހްލާސްތެރި ހިދުމަތް ރަމްޒުކޮށްދޭ ޑެކަރޭޝަން ބޯޑު ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް އަބްދުއްލަތީފްއާ ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު، އޮނަރަބަލް މުހައްމަދު ޣައްސާން މައުމޫންއެވެ.

މި ރަސްމިއްޔާތުގައި، އެމްއެންޑީއެފުން ދެއްވާ ސިޓީފުޅާއި ރިޓަޔަރމަންޓްގެ ރަމްޒީ ކާޑު، ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފްއާ ހަވާލުކޮށްދެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ހިލްމީއެވެ. 1985 ފެބުރުވަރީ 18 ވަނަ ދުވަހު ސިފައިންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަޙީމް އަބްދުއްލަޓީފްގެ ދިގު މުއްދަތުގެ ހިދުމަތާ ގުޅޭގޮތުން ރޭގެ ރަސްމިއްޔާތުގައި ވަނީ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅައިދީފައެވެ.

ސިފައިންގެ ހިދުމަތުގައި އެމަނިކުފާނު ވަނީ ސިފައިންގެ ކުރިއެރުމާއި ތަރައްގީއަށްޓަކައި ސިފައިންގެ ތަފާތު ދާއިރާތަކުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވާފައެވެ. މީގެ ތެރޭގައި، ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކޮށްދެއްވާފައިވާ އިހުލާސްތެރި އަގުހުރި ހިދުމަތް ފާހަގަކޮށްލެވެއެވެ.

އަދި ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި ރާއްޖެއާއި ރާއްޖެއިން ބޭރު އެތައް ތަމްރީނުތަކެއް ފުރިހަމަކުރައްވާފައިވާއިރު، އެމްއެންޑީއެފްގެ ވަރަށްގިނަ ސްޓާފް އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ވަނީ ފުރުއްވާފައެވެ. މި ގޮތުން، އަދާކުރައްވާފައިވާ ކޮމާންޑް އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސިފައިންގެ އެކި ޔުނިޓްތަކުގެ ކޮމާންޑަރުކަމާއި، ކޯރ ކޮމަޑާންޓްކަމާއި އަދި އޭރިއާ ކޮމާންޑްގެ ކޮމާންޑަރުކަން ހިމެނެއެވެ. އަދި މީގެ އިތުރުން، ސިފައިންގެ ތަރުޖަމާންގެ މަގާމާއި އަދި އެމްއެންޑީއެފްގެ މާލީ ޒިންމާދާރުވެރިޔާގެ މަގާމު އަދާކުރައްވާފައި ވެއެވެ.

ލެފްޓިނެންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް އަބްދުއްލަތީފް ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ގައުމަށް ކޮށްދެއްވި ހާއްސަ ހިދުމަތްތަކުގެ ތެރޭގައި، 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއަށްފަހު ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި އަމަލީގޮތުން ހަރަކާތްތެރިވެ ވަޑައިގަތުމާއި، 2004 ޑިސެންބަރު 26 ވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި އަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނާއި، 2011 ވަނަ އަހަރު އައްޑޫ ސިޓީގައި 17 ވަނަ ސާކް ސަމިޓް ބޭއްވުމަށްޓަކައި ސިފައިން ހިންގި ހާއްސަ އޮޕަރޭޝަނާއި، ސުނާމީ ކާރިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކުގެ ތެރެއިން ދާއިމީ ބޯހިޔާވަހިކަން އެންމެ ފަހުން ކަށަވަރުކޮށްދެވުނު ގއ. މާމެންދޫގައި ސިފައިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ފީލްޑް ކޮމާންޑަރެއްގެ ގޮތުގައި ކުރެއްވި މަސައްކަތާއި، ކޮވިޑް-19 ގެ އާލަމީވަބާގެ ބޮޑު ކާރިސާގައި ރެއާއި ދުވާލު ސިފައިން ވަރުބަލިކަމެއްނެތި ދިވެހި ރައްޔިތުންނާއި ގައުމުގެ ހައްގުގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން ކުރެއްވި ގައުމީ އަގުހުރި މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ލެފްޓިނެންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިހުލާސްތެރި ހިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަހްލާގުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 12 މެޑެއްޔާއި 11 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. އަދި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިހުލާސްތެރިކަމާއެކު ދިވެހި ދައުލަތަށް ހުދުމަތްކުރައްވައިގެން، 2021 ވަނަ އަހަރު ވަނީ ރައީސްގެ އަތްޕުޅުން ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ހާސިލުކުރައްވާފައެވެ.

ރޭގެ ރަސްމިއްޔާތުގައި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުން އަދި ގިނަ އަދަދެއްގެ އެންލިސްޓެޑް ސިފައިން ބައިވެރިވެލެއްވިއެވެ.