ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ވަޅިން ހަމަލާދީ 17 އަހަރުގެ ކުއްޖަކު މަރާލައިފި އެވެ.

ފުލުހުން ވަނީ މިކަން ކަށަވަރުކޮށްދެއްވާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މާރާމާރީގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 22:10 ހާއިރު ކަމަށެވެ. ގްރޫޕް މާރާމާރީގައި ތޫނުއެއްޗަކުން ހަމަލާދިނީ ދެބެއިންނަށެވެ. މަރުވީ އޭގެތެރެއިން އެކަކެވެ.

މަރުވި ކުއްޖާގެ ބޭބެއަށް ގއ. އަތޮޅު ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ އުމުރަކީ 21 އަހަރެވެ.

މި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އެކަކު މިހާރު ވަނީ ހައްޔަރުކޮށްފައި ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވި އެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް މާލެއިން ޚާއްސަ ޓީމެއް މާދަމާ އެރަށަށް ފޮނުވުމަށް ސީޕީ ހަމީދު ވަނީ ނިންމަވާފަ އެވެ.