ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއަޑާޑް އަތުން 1-0 އިން މޮޅުވެ, ރެއާލް މެޑްރިޑުން ލީގުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

ރޭގައި ރެއާލް ސޮސިއަޑާޑުގެ ދަނޑު ކަމުގައިވާ އަނޮއެޓާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ރެއާލުން ނިކުތީ އެ ޓީމުގެ އެންމެ ހުނަރުވެރި ކުޅުންތެރިން ފުރަތަމަ އެގާރައިގައި ނުހިމަނައެވެ. އެގޮތުން ރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ޓީމުގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ކަމުގައިވާ ވިނީޝިއަސް ޖޫނިއާ އާއި ޖޫޑް ބެލިންގްހަމް ހިމެނިފައެއް ނުވެއެވެ.

މެޗު ފެށިގެން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލް ސޯސިއަޑޭޑެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް ރެއާލުން ވަނީ މެޗުގައި އެ ޓީމަށް ލިބުނު ފުރަތަމަ ފުރުސަތުން ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ މެޗުގެ 29 ވަނަ މިނެޓުގައި ރެއާލުގެ ޒުވާން ތަރި, އާރްޑާ ގޫލާ ކާމިޔާބު ކޮށްދިން ލަނޑެކެވެ.

ރެއާލުން މެޗުގެ ލީޑު ނެގުމާއެކު ރެއާލް ސޯސިއަޑޭޑުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށް, މެޗުގެ 32 ވަނަ މިނެޓުގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ, އެ ގޯލުގެ ކުރިން ރެއާލުގެ ޗުއަމެނީއަށް ފައުލު ކޮށްފައިވާ ކަމަށް ނިންމާ, އެ ގޯލަކީ ސައްހަ ގޯލެއް ނޫން ކަމަށް ނިންމާފައެވެ.

ރެއާލު ސޯސިއަޑޭޑުން ގޯލެއް ޖެހުމަށް އުފެއްދި ހުރިހާ ހަމަލާތަކެއް ރެއާލުގެ ވަރުގަދަ ޑިފެންސް ލައިން ވަނީ މަތަކޮށްފައެވެ. މެޗު ނިމިގެންދިޔައިރު ވެސް ސުމެއް ކަނޑާނުލެވުމާއެކު ރެއާލް ސޯސިއަޑޭޑަށް ވަނީ އަމިއްލަ ދަނޑުގައި ބަލި ގަބޫލު ކުރަން ޖެހިފައެވެ.

މި ލިބުނު މޮޅާއެކު ރެއާލުން އޮތީ, ކުޅުނު 33 މެޗުން ލިބުނު 84 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް, ރެއާލުގެ ޒަމާންވީ ވާދަވެރިން ކަމުގައިވާ ބާސެލޯނާއަށް ލިބިފައިވަނީ 70 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ރެއާލް ސޯސިއަޑޭޑް އޮތީ, ކުޅުނު 33 މެޗުން ލިބުނު 51 ޕޮއިންޓާއެކު ތާވަލުގެ 51 ވަނައިގައެވެ.