ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، 'ޗައިމްސް ޕްރީސްކޫލް ގްރެޖުއޭޝަން ސެރަމަނީ – ކްލާސް އޮފް 2023-2024' ޝަރަފުވެރިކޮށްދެއްވައިފިއެވެ. މި ޖަލްސާ ކުރިއަށް ދިޔައީ މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.
މި ޖަލްސާގައި ދަރިވަރުންނާއި މުޚާޠަބު ކުރައްވައި މެޑަމް ސާޖިދާ ދެއްކެވި ވާހަކަފުޅުގައި، ހުރިހާ ކުދިންވެސް މުދައްރިސުންނާއި، މައިންބަފައިންގެ ހެޔޮބަސް އަހައިގެން ކިޔެވުމަށް ގަދައަޅައި މަސައްކަތްކުރުމަށް އެކަމަނާ ބާރުއެޅުއްވިއެވެ. މީގެއިތުރުން ބެލެނިވެރިންނާ މުޚާޠަބު ކުރައްވައި އެކަމަނާ ވަނީ ދަރިންނަށް ވަގުތު ދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވައި، ކުދިންނާއެކު ވަގުތު ހޭދަކުރުމަށްވެސް ބާރުއަޅުއްވާފައެވެ.
މީގެއިތުރުން މެޑަމް ސާޖިދާވަނީ އިސްލާމީ ގިއުގަނޑުގެ ތެރެއިން ދަރިނއ ތަރުބިއްޔަތު ކުރުމަށް ބެލެނިވެރިންނަށް އިލްތިމާސް ވެފައެވެ. އަދި ކުދިންގެ ހިތުގައި ޤުރުއާނަށް ލޯބި އުފެއްދުމަށް މަސައްކަތްކޮށްދެއްވުމަށް ބެލެނިވެރިންގެ ފަރާތުން އެކަމަނާ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން، މުދައްރިސުންނަކީ ކުދިންގެ ދެވަނަ ބެލެނިވެރިން ނުވަތަ މައިންބަފައިންކަމުގައި ވިދާޅުވެ، މުދައްރިސުން ކުރާ ބުރަ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މުދައްރިސުންނަށް ޚާއްޞަ ޝުކުރެއް އަދާކުރެއްވިއެވެ.
މި ޖަލްސާގައި ދަސްވެނިވި 23 ދަރިވަރުންނަށް އެވޯޑާއި ސްކްރޯލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.