ފ. ނިލަންދޫގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެތި ނިލަންދޫއަށް އެތެރެ ކުރާކަމުގެ މައުލޫމާތު ލިބިގެން ނިލަންދޫގައި ހިންގި އޮޕަރޭޝަންގައި ފުލހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އުމުރުން 46 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މިމަހު 28 ވަނަ ދުވަހު ނިލަންދޫގައި ހިންގި މި އޮޕަރޭޝަންގައި އިތުރު އެހެން އެއްވެސް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތު ފުލުހުން އަދި ހިއްސާ ކޮށްފައެއް ނުވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.
ނިލަންދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ގެންދަނީ ތަހުގީގު ކުރަމުންނެވެ.